ހުޅުމާލެއިން ގޯތި ދިނުމަށް ކަނޑައެޅޭ ޗާޓު ވަނީ ތައްޔާރުކުރެވިފައި: މިނިސްޓަރ އަސްލަމް

ހުޅުމާލެއިން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ސަރަހައްދުތައް ކަނޑައަޅައި ޗާޓު ތައްޔާރުކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައި...

22 Mar 2022 | 07:54

ހުޅުމާލެއިން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ސަރަހައްދުތައް ކަނޑައަޅައި ޗާޓު ތައްޔާރުކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މާލޭ ރައްޔިތުންނަށް 5000 ގޯތި ދިނުމަށް ވައުދުވެފައެވެ އެއީ ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި, ގުޅީފަޅުން މަދުވެގެން 2000 ގޯއްޗާއި, ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ.

އެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތަކާއި, ތަފްސީލުތައް ހޯއްދަވަން އެދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ލިޔުމުން މިނިސްޓަރު އަސްލަމާއި ކުރެއްވި ސުވާލުގެ ޖަވާބު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

އަސްލަމް މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވަނީ ހުޅުމާލޭން 1000 ގޯތި ދިނުމަށްޓަކައި ސަރަހައްދުތައް ކަނޑައަޅައި ޗާޓު ތައްޔާރުކުރެވިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ މަގުތައް ހެދުމާއި, ފެނާއި, ނަރުދަމާއާއި ކަރަންޓުލުމަށް އެޗްޑީސީއާއި, އެމްޑަބްލިޔުއެސްސީއާއި ސްޓެލްކޯއާއެކު މަޝްވަރާކުރެވި ތާރީހެއް ހުށަހެޅުމަށް ދެންނެވިފައިވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވެފައިވަނީ ގޯތި ދޫކުރާނެ ފަރާތްތަކަށް ގޯތި ދޫކުރާނެ އުސޫލު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު, ގޯތި ދިނުމަށް ކަނޑައަޅާ އުސޫލާ އެއްގޮތަށް ގޯތި ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަނަށް ހުޅުވާލެވޭނެ ކަމަށެވެ.  އެ ގޮތުން މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ އަންނަ ޖޫންމަހުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން ގިރާވަރު ފަޅު ހިއްކައި އެތަނުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް އިއުލާން ކުރެއްވި 2000 ގޯޓީގެ މަސައްކަތް އޮތީ ފައިސާ ހޯދުމުގެ މަރުހަލާގައި ކަމަށް މިނިސްޓަރ ވަނީ އިތުރަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް