"އެއްގެއިން އަނެއްގެއަށް" ނަމުގައި ރިސައިކްލިން ކެމްޕެއިނެއް ފަށަނީ

ވޯލްޑް ރިސައިކްލިންގ ޑޭއާ ގުޅުވައިގެން އެޗްޑީސީގެ ފަރާތުން ހުޅުމާލެގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިން އިފްތިތާހު ކޮށްފިއެވެ. އެޗްޑީސީން ބުނީ މި ކެމްޕެއިން އަކީ ...

22 Mar 2022 | 06:07

ވޯލްޑް ރިސައިކްލިންގ ޑޭއާ ގުޅުވައިގެން އެޗްޑީސީގެ ފަރާތުން ހުޅުމާލެގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިން އިފްތިތާހު ކޮށްފިއެވެ.

އެޗްޑީސީން ބުނީ މި ކެމްޕެއިން އަކީ 'ވޯލްޑް ރިސައިކްލިންގ ޑޭ' އާއި ގުޅުވައިގެން އެއްފަހަރު ބޭނުންކުރެވިފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި ދެވަނަފަހަރު އެ ތަކެތި ބޭނުންކުރުމަށް އެ ކޯޕަރޭޝަނުން ތައާރަފްކުރާ ކެމްޕެއިނެއް ކަމަށެވެ.

އެޗްޑީސީން ބުނީ ރޯދަމަހާއި ގުޅިގެން ގޭތެރެ ޒީނަތްތެރި ކުރުމަށް ގޭގައި ބޭނުންކުރާ ފަރުނީޗަރުފަދަ ތަކެތި ބަދަލުކުރުމަކީ ޒަމާނުއްސުރެ ދިވެހީންގެ އާދަކާދައިގެ ތެރޭގައިވާ ކަމަކަށްވެފައި، މި ކެމްޕެއިން މެދުވެރިކޮށް، ބޭނުންކުރެވޭ ހާލަތުގައި ހުރި މިފަދަ ތަކެތި އުކާލުމުގެ ބަދަލުގައި އެހެން ފަރާތްތަކަށް ހަދިޔާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މިގޮތުން، ގޭތެރޭގައި ބޭނުންކުރާ ތަކެއްޗާއި ފަރުނީޗަރު އުކާލުމުގެ ބަދަލުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް މިމަހުގެ 24  ވާ ބުރާސްފަތި ދުވަހުގެ 2:00 އިން ފެށިގެން 26 ވާ ހޮނިހިރު ދުވަހުގެ 2:00 ގެ ނިޔަލަށް އެތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ވާނެ ކަމަށެވެ.

އެގޮތުން ހުޅުމާލެ ރުއްގަނޑު 1 އަދި ރުއްގަނޑު 2 ސަރަހައްދުގައި ގޭގެއިން ގެނެވޭ ތަކެތި ބެހެއްޓުމާއި، އަދި އެތަކެތި ބަލާ އަންނަ ފަރާތްތަކަށް ހަވާލުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

އެޗްޑީސީން ބުނީ މި ކެމްޕެއިންގެ ދަށުން ބަލައިގަނެވޭނީ އިލެކްޓްރޯނިކް ސާމާނު، ފަރުނީޗަރު އަދި ބަދިގޭގެއާއި ގޭތެރޭގައި ބޭނުންކުރެވޭ ތަކެތި ކަމަށެވެ.

އަދި މި ސަރަހައްދަށް މި ތަކެތި ގެނައުމާއި އަނބުރާ ގެންދިއުމުގެ އިންތިޒާމް އެފަރާތަކުން ހަމަޖައްސަންވާނެ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

މީގެއިތުރުން، ކާބޯތަކެތި ނުވަތަ ކުނިވާ ބާވަތުގެ ތަކެތި ގެނައުމާއި މި ތަކެތި ބޭނުންކޮށްގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް މި އިވެންޓް ތެރެއިން ހިންގުމަކީ މަނާކަމެއް ކަމުގައި އެޗްޑީސީން ބުނެއެވެ.

މިއީ، އެއްފަހަރު ބޭނުންކުރެވިފައިވާ ތަކެތި ދެވަނަފަހަރަށް ބޭނުންކުރުމުގެ އާދަ ދިވެހިންގެ މެދުގައި އާލާކުރުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

މި ކެމްޕެއިންގެ ސަބަބުން އާންމުންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. އަދި މުސްތަޤުބަލުގައި ވެސް އާންމުންނަށް ބޭނުންވާނެ ކަންތައްތައް އެ ފަރާތްތަކަށް ހޯދައިދިނުމުގައި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް