ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު މަޖިލީހުގެ ތަޅުމަށް ވެއްދި، ކަރަންޓުގެ ޚިދުމަތުގެ އަގު ތިރި ކުރުމުގެ ގޮތުން ސްޓެލްކޯއާއި ފެނަކައަށް ތެޔޮ އެތެރެ ކުރުމުގެ ހުއްދަ ދޭން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.
ހިނގަމުންމިދާ ރައްޔިތުން މަޖިލީހުގެ 19 ވަނަ ޖަލްސާގެ 21 ވަނަ ޖަލްސާގައި ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ތެލުގެ ދަތިކަން ދިމާވެދާނެ ކަމަށް ބަލާފައިވާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
މަޖިލީހުގެ ތަޅުމުގައި ޖާބިރު ވިދާޅުވީ، ތެޔޮ އެތެރެ ކުރަނީ ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓީއޯއިން ކަމަށެވެ. އެހެންކަމުން އެސްޓީއޯއިން ތެޔޮ ގަނެގެން ކަރަންޓު ކުންފުނިތަކުން އެ ޚިދުމަތް ދޭނަމަ އޭގެ އަގު އުފުލިދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެއާއެކު ކަރަންޓްގެ ހިދުމަތް ދެމުންގެންދާ ފެނަކައަށް ވެސް މި ހުއްދަ ދިނުމަށް ޖާބިރު ގޮވާލިއެވެ.
ޖާބިރުގެ މި ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ. ބަހުސަށް ހުޅުވާލުމުގެ ބަދަލުގައި މައްސަލަ ބޭރުކޮށްލަން 28 މެންބަރުން ވަނީ ވޯޓު ދެއްވާ، މަޖިލީހުގެ ތަޅުމުން އެ މައްސަލަ ބޭރުކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް