ފޭރުން ގޯހެވެ. އޮރިޔާން ކުރުންވެސް ގޯހެވެ.

އިއްޔެރޭ ހުޅުމާލޭގައި މީހަކު ފޯނެއް ފޭރުނުކަމަށް ބުނެ އޭނާ އޮރިޔާންކުރުމަށް ފަހު ފޮށިގަނށޑެއް 'އަންދާފައި' ހުރި ވީޑިއޯ އާއި ފޮޓޯތައް ވަނީ ސޯޝަލްމީޑިއާގައި ދައުރުވެފައެވެ. އެއްވެސް ޝައްކެތް ނެތެވެ. ފޭރ...

22 Mar 2022 | 05:10

އިއްޔެރޭ ހުޅުމާލޭގައި މީހަކު ފޯނެއް ފޭރުނުކަމަށް ބުނެ އޭނާ އޮރިޔާންކުރުމަށް ފަހު ފޮށިގަނށޑެއް 'އަންދާފައި' ހުރި ވީޑިއޯ އާއި ފޮޓޯތައް ވަނީ ސޯޝަލްމީޑިއާގައި ދައުރުވެފައެވެ. އެއްވެސް ޝައްކެތް ނެތެވެ. ފޭރުމަކީ ޖިނާއީ ކުށެކެވެ. އަދި އެކަން ތަހައްމަލް ކުރާ މީހާއަށް މާލީ ގެއްލުމުގެ އިތުރުން ނަފްސީގޮތުންވެސް އެތައް ނޭދެވޭ އަސަރެއް ކުރެއެވެ. ފަހަރެއްގައި ވެސް މިކަމާ ދެބަސްވާކަށް ނެތީމެވެ.

އެހެންނަމަވެސް މީހަކު ނުވަތަ ބަޔަކު ކުށެއްކޮށްފިނަމަ އެމީހަކަށް ނުވަތަ އެ ބަޔަކަށް އަދަބުލިބެންޖެހޭނީ އެ އޮންނަ ގާނޫނީ ނިޒާމުގެތެރެއިންނެވެ. ޖަންގަލީގެ އުސޫލުން ގަދަ މީހާ ގަދަވާގޮތަކަށް ނޫނެވެ. ފޭރުން ހުއްޓުވުން ވަރަށް ރަނގަޅެވެ. އެމީހަކު ޕޮލިހާއި ހަވާލުކުރުންވެސް ރަނގަޅެވެ. އެހެންނަމަވެސް އޭނާ އަށް އަނިޔާކޮށް ގަން ހިންގުވުން ރަނގަޅެއް ނޫނެވެ. ސަޅިއެއް ނޫނެވެ. އަދި ކޫލްއެއްވެސް ނޫނެވެ.

އާންމުކޮށް މިގޮތަށް އަނިޔާކުރަނީ ފުލުހުންނާއި ހަވާލުކުރިއަސް އެއް ދޮރުން ވައްދާފައި އަނެއް ދޮރުން ނެރޭނެކަމަށް ބުނެއެވެ. ފުލުހުން ވިދާޅުވަނީ ކޯޓުން ދޫކޮށްލީ ކަމަށެވެ. ކޯޓުން ވިދާޅުވަނީ އެކަށީގެންވާ ހެކި ނެތް ކަމަށެވެ. މިއިން ކޮންމެ ގޮތެއްވެސް ވެދާނެއެވެ. އަދި މި ދެ ގޮތްވެސް ވެދާނެއެވެ. އެހެންނަމަވެސް މިއީއަކީ މީހަކު އޮރިޔާންކުރާންޖެހޭ ސަބަބެއް ނޫނެވެ.

އެފަދަ މަންޒަރުތައް ފޮޓޯ ނަގާ އަދި ވީޑިއޯ ކުރާ ފަރާތްތަކަށް ބުނަމެވެ. ކޮންމެވެސް ސަބަބަކާއި ގުޅިގެން ނަމަވެސް ތިބާގެ އެފަދަ ވީޑިއޯއެއް އެހެން މީހަކު ނަގަން ބޭނުން ހެއްޔެވެ. ނުވާނެ ކަމަށް ވަންޏާ ތިބާވެސް އެފަދަ ވީޑިއޯ ނުނަގާށެވެ. އަދި ސޯޝަލްމީޑިއާގައި މިފަދަ ވީޑިއޯ ދައުރުކުރާ މީހުންވެސް އަމިއްލަ ނަފްސަށް މިކަން ނޭދޭނެއެވެ. އެހެންކަމުން އެހެން މީހުން ބޭޒާރު ނުކުރާށެވެ. ދެން އެއްބަޔަކު ބުނެފާނެއެވެ. އަހަރަމެން އެ ކަން ކުރަނީ ފޭރުނު ނުވަތަ ވައްކަން ކުރި މީހާ ލަދު ގަންނުވާލާށެވެ. އޭރުން އޭނާ އެ ކުށް ތަކުރާރެއް ނުކުރާނެ އެއް ނޫން ހެއްޔެވެ. ކިތައްމެ މާތް ނިޔަތެއް އޮވެގެން ގޯސްކަމެއް ކުރިޔަސް ގޯސް ކަމެއްވާނީ ގޯސް ކަމަކަށެވެ.

އަޅުގަނޑުގެ އިލްތިމާސަކީ ކުށެއް ކުރިއަސް ގާނޫނުގެ އިމުގެ ތެރެއިން ފިޔަވަޅު އަޅާށެވެ. ތިމާ އަމިއްލައަށް އެކަން ނުކުރާށެވެ. ކުށެއް ކުރާތަން ފެނިއްޖެނަމަ ހުއްޓުވާށެވެ. ފުލުހުންނަށް އަންގާށެވެ. އެހެނަސް ކުށްވެރިއާ އަށް އަނިޔާ ނުކުރާށެވެ. ތަންފީޒީ އިދާރާތަކާއި ޖުޑިޝަރީ އަށް ދަންނަވާލަން އޮތީ ކުށެއްކޮށްފިނަމަ އެ ކުށްކުރީ ކާކުތޯ ނުބަލާ ހައްގު އަދަބު ދޭށެވެ. އިންސާފު ގާއިމުކޮށްދޭށެވެ. ސުލްހަވެރި ކުށް މަދު މުޖްތަމައުއެއް ގާއިމުކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެންނެވެ. އެކަމަށްޓަކާ ތިބާގެ ދައުރު ތިބާ ފުރިހަމައަށް އަދާކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް