އެމީހެއްގެ ބަރުދަނާ ގުޅުވައި، ބޯންޖެހޭނީ ކިހާފެނެއް؟

އިންސާނާގެ ހަށިގަނޑުގެ 60 ޕަސެންޓަކީ ފެނެވެ. ފެނަކީ ހަށިގަނޑުގެ ފިނިހޫނުކަން އެދެވޭ މިންވަރުގައި ބެހެއްޓުމަށާއި، ހަށިގަނޑުގެ ގުނަންތަކަށް އޮކްސިޖަން ފޯރުކޮށް ދިނުމުގައާއި، ހަށިގަނޑުން ވިހަތައް ބޭރުކުރ...

22 Mar 2022 | 04:15

އިންސާނާގެ ހަށިގަނޑުގެ 60 ޕަސެންޓަކީ ފެނެވެ.

ފެނަކީ ހަށިގަނޑުގެ ފިނިހޫނުކަން އެދެވޭ މިންވަރުގައި ބެހެއްޓުމަށާއި، ހަށިގަނޑުގެ ގުނަންތަކަށް އޮކްސިޖަން ފޯރުކޮށް ދިނުމުގައާއި، ހަށިގަނޑުން ވިހަތައް ބޭރުކުރުމަށާއި، ހަށިގަނޑަށް ބޭނުންވާ ކާނާގެ ފައިދާ ހޯދައި ދިނުމަށް މުހިންމު ރޯލެއް އަދާކުރާއެއްޗެކެވެ. ޖައްވު ހޫނުވެގެން ފެންބޮވައިގަންނަ ޙާލަތުގައި ނޫނަސް އެއީ ހަނދާން ނައްތާނުލާ ބޯންޖެހޭ މުހިންމު ބުއިމެކެވެ.

ފެނަކީ އިންސާނާގެ ހަށިގަނޑު އުފެދިފައިވާ މައިގަނޑު ކެމިކަލެވެ. އެހެން ވުމުގެ ސަބަބުން ހަމައެކަނި ފެންބޮއިގެން އެހެން ކާނާއަކާ ނުލައި ދުވަސްތަކެއްގައި ދިރިހުރެވިދާނެއެވެ.

ނަމަވެސް ފެނާ ނުލައި ދިރިއެއް ނޫޅެވޭނެއެވެ. ހަށިގަނޑުގެ ވަޒީފާތައް އަދާކުރުމަށްޓަކައި އަބަދުވެސް ފެން ބޭނުންވާނެއެވެ.

އެހެން ނޫންނަމަ މީހާ ނުރައްކާތެރި އެތައް ބައްޔަކަށް މަގުފަހިކޮށްފާނެއެވެ. ފަރަންސޭސި ވިލާތުގެ މެޑިކަލް ދާއިރާގެ މަޝްހޫރު މަޖައްލާ ސެންޓެޕްލަސް ގައި ބަޔާންކޮށްފައިވާގޮތުގައި، ފުދޭމިންވަރަށް ފެން ބޭނުން ނުކުރެވޭނަމަ ސިއްޙީ މައްސަލަތަކާއި ކުރިމަތިވާނެއެވެ.

އޭގެ ތެރޭގައި ގުނަވަންތަކުގެ ވަޒީފާތަކަށް ނޭދެވާ އަސަރުކުރުމާއި، ވަރުބަލިވުމާއި، މޫޑު ގޯސްވުމާއި، އާންމުކޮށް ބޮލުގައި ރިއްސުމާއި، ގައިގެ ހަންގަނޑު ހިކުމާއި، ބަނޑުހައިހޫނުކަމާއި، ކޮންސެންޓްރޭޝަން ދަށްވުމާއި، މިނޫންވެސް އެތައް ކަމެއް މެދުވެރިކުރުވައެވެ.

ފެނުން ލިބޭ ފައިދާ އެހެން އެއްވެސް ބުއިމަކުން ފުއްދައެއް ނުލެވޭނެއެވެ.

ނަމަވެސް ކޮންމެ މީހަކަށް އެމީހެއްގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންޖެހެނީ ކިހާފެނެއްކަން ކަނޑައަޅާނީ ކިހިނެތްހެއްޔެވެ؟

އާންމުގޮތެއްގައި ބޮޑު މީހަކަށް 1.5 ލިޓަރާއި، 2 ލިޓަރާ ދެމެދުގެ މިންވަރަކަށް ނުވަތަ އެއަށްވުރެ ގިނައިން ދުވާލަކަށް ފެން ބޭނުންވާނެއެވެ. އެކްސްޕާޓުންވަނީ ކޮންމެ މީހަކަށްވެސް ސަލާމަތް ޞިއްޙަތެއްގައި ހުރުމަށްޓަކައި ބޭނުންޖެހޭ ފެނުގެ މިންވަރު ދެނެގަންނާނެ ފޯމިއުލާއެއް އެކުލަވާލާފައެވެ.

މިގޮތުން ކޮންމެ މީހެއްގެވެސް ބަރުދަނާ ގުޅިގެން ދުވާލަކަށް ބޭނުންވާ ފެނުގެ މިންވަރު ކަނޑައަޅާނެގޮތް ނިއުޓްރިޝަނިސްޓުން ހޯދާފައިވެއެވެ.

ދުވާލަކަށް ބޭނުންވާ ފެން ހިސާބުކުރާނެގޮތް:

ޢުމުރުން 60 އަހަރުން ދަށުގެ މީހުން، އެމީހުންގެ ބަރުދަން (ކިލޯގްރާމުން) 30 މިލިލިޓަރާ ގުނަކުރާށެވެ. މިސާލަކަށް ޢުމުރަކީ 35 އަހަރު ކަމަށް ވެފައި ބަރުދަނަކީ 70 ކިލޯނަމަ ނަތީޖާވާނީ 2100 އެވެ. އެހެންވުމުން އެއީ ދުވާލަކަށް 2.1 ލިޓަރު ފެނެވެ.

ޢުމުރުން 60 ން މަތީގެ މީހުންނަށް ބޭނުންވާ ފެނުގެ މިންވަރު ހޯދަން ގުނަކުރާނީ 25 އާއެވެ.

އެމީހަކު ކެއުމުގައި ބޭނުންކުރާ ކާނާގެ ތެރޭގައި ހިމެނޭ މޭވާއާއި ތަރުކާރީއާ އެހެނިހެން ބުއިންތަކާއި ކެއުމުން ލިބޭ ފެނަކީވެސް ހަމަ ހަށިގަނޑަށް ލިބޭފެނެވެ. ހޫނުތަނެއްގައި އުޅޭނަމަ ނުވަތަ މަސައްކަތެއް ނުވަތަ ކަސްރަތެއްކޮށް ހަދާނަމަ ބޭނުންވާ ފެނުގެ މިންވަރު އިތުރުވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް