ވޯލްޑްޝެފްސް ކޮންގްރެސް އަށް ބީބީއެމް ހަރަދުގައި ދިވެހި ޒުވާން ހަ ޝެފުން ފޮނުވަނީ

ވޯލްޑްޝެފްސް ކޮންގްރެސް އަށް ބީބީއެމް ހަރަދުގައި ޒުވާން، ދިވެހި ހަ ޝެފުން ފޮނުވާނެ ކަމުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން ބުނެފިއެވެ. މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕ...

22 Mar 2022 | 03:03

ވޯލްޑްޝެފްސް ކޮންގްރެސް އަށް ބީބީއެމް ހަރަދުގައި ޒުވާން، ދިވެހި ހަ ޝެފުން ފޮނުވާނެ ކަމުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން ބުނެފިއެވެ.

މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ، 30 މޭ އިން 2 ޖޫން 2022 ގެ ނިޔަލަށް ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ އަބޫދާބީ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށް ދާނެއެވެ. މި ކޮންގްރެސްއަކީ ކޮވިޑް-19 ޕެންޑެމިކަށްފަހު ދުނިޔޭގެ ހޮސްޕިޓަލިޓީ އަދި ކަލިނަރީ އިންޑަސްޓްރީގެ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަގުވާމީ ހަރަކާތެވެ. ވޯލްޑްޝެފްސް ކޮންގްރެސްގެ ބޭނުމަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ޝެފުން އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމާއި ޚިޔާލު ބަދަލުކޮށް، އެކަކު އަނެކެއްގެ ފަރާތުން އާ ކަންކަން އުނގެނުމުގެ އިތުރުން އެކުގައި މަސައްކަތްކުރުމުގެ ރޫހު އާލާކުރުމެވެ.

ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑްޝެފްސް)ގައި ދިވެހިރާއްޖެ ތަމްސީލުކުރާ ޖަމްޢިއްޔާގެ ހައިސިއްޔަތުން، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ވެސް ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ގެންދިޔައީ ދިވެހިރާއްޖޭގެ ހުނަރުވެރި ޝެފުން ތަމްސީލުކުރަމުންނެވެ. އަބޫދާބީގައި ބާއްވާ މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި މި ޖަމްޢިއްޔާގެ ފަރާތުން 20 ޝެފުންގެ ޑެލެގޭޝަނެއް ބައިވެރިވާނެ ކަމުގައި ސީޖީއެމް އިން ބުނެފައިވެއެވެ.

މި އަހަރު ރާއްޖެ ތަމްސީލުކުރާ ޝެފުންގެ ޑެލެގޭޝަނުގައި، ކަލިނަރީ ދާއިރާއިން ތައުލީމު ހާސިލުކުރަމުން ގެންދާ ޒުވާން ހަ ޝެފުން ވެސް ހިމެނެއެވެ. އެ ހަ ޝެފުން ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2022 ގައި ބައިވެރިވުމާ ގުޅޭ ހުރިހާ ޚަރަދެއް ސްޕޮންސަރ ކޮށްދީފައި ވަނީ ހޮސްޕިޓަލިޓީ ދާއިރާއާ ނުހަނު ގާތްކަމެއް ބާއްވަމުން ގެންދާ ކުންފުންޏެއް ކަމުގައިވާ ބެސްޓްބައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ބީބީއެމް)ގެ ފަރާތުންނެވެ. ބީބީއެމްއިން މިކަމަށް އިސްނެގީ އެ ކުންފުނިން ގެންގުޅޭ ފަލްސަފާއާ އެއްގޮތަށް، ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ އަދި ކަލިނަރީ އިންޑަސްޓްރީއަށް އެހީތެރިވެދީ ޚިދުމަތްކުރުމުގެ މަޤްސަދުގައި ކަމަށާއި ބީބީއެމްއަކީ ކަލިނަރީ ދާއިރާއަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ މުދާ ރާއްޖެ އެތެރެކޮށް ރިސޯޓުތަކަށާއި އެހެނިހެން މާކެޓުތަކަށް ވެސް ސަޕްލައިކުރުމުގެ އިތުރުން، ކަލިނަރީ ދާއިރާއަށް ހާއްސަކޮށްގެން ދިވެހިރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި މާސްޓަރކްލާސްތަކާއި ޓްރެއިނިންގް ފުރުސަތުތައް ވެސް ޒުވާން ޝެފުންނަށް ފަހިކޮށްދެމުން އަންނަ ކުންފުންޏަކަށް ވީ ހިނދު، މި ދާއިރާގެ ލާބައަށް ޓަކައި އެ ކުންފުނިން ފޯރުކޮށްދޭ މިފަދަ ހުރިހާ ޚިދުމަތެއް ފާހަގަކޮށް، މި ޖަމްޢިއްޔާގެ ފަރާތުން ފަށްފަށުން ޝުކުރުވެރިވާކަމުގައި ސީޖީއެފް ބުނެފައިވެއެވެ.

މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ، މި ދާއިރާގެ މާހިރުންގެ ކީނޯޓް އެޑްރެސްތަކާއި، ދުނިޔޭގެ 50 ގައުމަކުން 80 ކަލިނަރީ ސްކޫލު ތަމްސީލުކޮށް ބާއްވާ އެޑިއުކޭޓަރސް ފޯރަމްއާއި، އެކި ފަންނުތަކުން ޝެފުން "ވޯލްޑްސް ބެސްޓް ޝެފްސް"ގެ ލަގަބަށް ވާދަކުރާ "ގްލޯބަލް ޝެފްސް ޗެލެންޖް"އާއި، ވޯލްޑްޝެފްސް އެކްސްޕޯގެ އިތުރުން، 25 އަހަރުން ދަށުގެ ޝެފުންނަށް ޚާއްސަކޮށްގެން ބާއްވާ "ބިލީ ގެލެގަރ ޔަންގް ޝެފްސް ފޯރަމް" ވެސް އޮންނާނެއެވެ.

މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ބައިވެރިވާ ޝެފުންގެ ޑެލެގޭޝަނަށް ކާމިޔާބަށް އެދޭކަމުގައި ސީޖީއެމް އިން ބުނެފައިވެއެވެ.


ޝެފްސް ގިލްޑް އޮފް މޯލްޑިވްސް

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)އަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޝެފުން ތަމްސީލުކުރުމަށް އުފެއްދި އެންމެ ފުރަތަމަ، އަދި ހަމައެކަނި ނޮން-ޕްރޮފިޓް އަދި ނޮން-ގަވަރންމެންޓް ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާގެ މަޤްސަދަކީ ދިވެހިރާއްޖޭގައި ކަލިނަރީ ފަންނު ކުރިއެރުވުމެވެ. ސީޖީއެމް ރަޖިސްޓްރީކުރީ 2 އޮކްޓޫބަރު 2014 ގައެވެ. އަދި މި ޖަމްޢިއްޔާއަކީ ދުނިޔޭގެ ޝެފުންގެ ޖަމްޢިއްޔާ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑްޝެފްސް)އިން ދިވެހިރާއްޖޭގެ ގައުމީ ކަލިނަރީ ޖަމްޢިއްޔާގެ ގޮތުގައި އެންޑޯޒްކުރާ ޖަމްޢިއްޔާއެވެ.

ސީޖީއެމްގެ ބައެއް މުހިންމު ލަނޑުދަނޑިތަކަކީ:

  1. ދިވެހިރާއްޖޭގައި މަސައްކަތްކުރާ ކަލިނަރީ ޕްރޮފެޝަނަލުންނާއި އިދާރާތަކާއި ދާއިރާއާ ގުޅުންހުރި ވަކިވަކި ފަރުދުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުން.
  2. ސަރުކާރުގެ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހިރާއްޖޭގައި ކަލިނަރީ ޕްރޮފެޝަން ކުރިއެރުވުމަށް މަސައްކަތްކުރުން.
  3. ދާއިރާއާ ގުޅުންހުރި ޕްރޮފެޝަނަލް އޮކިއުޕޭޝަނަލް ސްޓޭންޑަޑްތައް ތަރައްގީކޮށް، ތައުލީމާއި ތަމްރީނާއި ފަންނީ ޢިލްމާއި މަސައްކަތުގެ އެތިކްސް ކުރިއެރުވުން.
  4. ފުޑް ސަޕްލައިއާއި ސްޓޯރޭޖް ކޮންޑިޝަންސްއާއި ސާފުތާހިރުކަމާއި ސެނިޓޭޝަންއާ ގުޅުންހުރި ސްޓޭންޑަޑްތައް އިމްޕްރޫވްކުރުމަށް ގުޅުންހުރި އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  5. ޕްރޮފެޝަނަލް ހޮޓެލިއަރުންނާޢި ޝެފުން އުފެއްދުމުގައި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއަށް އެހީތެރިކަން ފޯރުކޮށްދިނުން.
  6. ބޭރުގެ މުބާރާތްތަކާއި ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ޤައުމީ ކަލިނަރީ ޓީމެއް އުފެއްދުމަށް ވަކާލާތުކުރުން.
  7. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޮޓެލް، ކޭޓަރިންގް އަދި ޓޫރިޒަމް އިންޑަސްޓްރީއާ ގާތް ގުޅުންތައް އުފައްދައި، ބަދަހިކުރުން.
  8. ދުނިޔޭގެ އެހެނިގެން ގައުމުތަކުގެ ކަލިނަރީ އެސޯސިއޭޝަންތަކާ ގުޅުން ޤާއިމުކޮށް، ބަދަހިކުރުން.
  9. ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހޮސްޕިޓެލިޓީ އިންޑަސްޓްރީގައި މުއާމަލާތުކުރުމާއި ތަމްރީނާއި ޕްރޮފެޝަނަލިޒަމް ކުރިއެރުވުމަށް މަސައްކަތްކުރުން.
  10. މި ޖަމިއްޔާއަށާއި މި ޖަމިއްޔާގެ މެމްބަރުންގެ އިތުރުން މުޖުތަމައަށް ފައިދާކުރުވަނިވި އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުން.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް