ދުނިޔޭގެ ފެނުގެ ދުވަސް – މަސައްކަތް ފުޅާކޮށް ޚިދުމަތް ތަރައްޤީކުރުމުގައި މެދުކެނޑުމެއްނެތި އެމްޑަބްލިއެސްސީ ކުރިއަށް

ކޮންމެ އަހަރެއްގައިވެސް 22 މާރިޗް އަކީ ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ފެނުގެ ދުވަހެއެވެ. މިދުވަސް ފާހަގަ ކުރުމަށް އދ. އިން ނިންމާފައިވަނީ ފެނުގެ މުހިއްމުކަން ހަނދާންކޮށްދިނުމަށެވެ. ފެނާއި ފެނާ ގުޅު...

22 Mar 2022 | 02:50

ކޮންމެ އަހަރެއްގައިވެސް 22 މާރިޗް އަކީ ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ފެނުގެ ދުވަހެއެވެ. މިދުވަސް ފާހަގަ ކުރުމަށް އދ. އިން ނިންމާފައިވަނީ ފެނުގެ މުހިއްމުކަން ހަނދާންކޮށްދިނުމަށެވެ. ފެނާއި ފެނާ ގުޅުންހުރި މައްސަލަތަކުގެ އަޑު އުފުލުމަށް މިދުވަސް ފާހަގަ ކުރާއިރު ދުނިޔޭގައި ކޮންމެ ނުވަ މީހުންގެ ތެރެއިން އެކަކީ ސާފު ފެން ލިބުމުން މަހޫރޫމުވެފައިވާ މީހެކެވެ. މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރެއް ގޮތުގައި އދ.އިން ކަނޑައަޅާފައި ވަނީ (Groundwater: making the invisible visible) މިއެވެ.

ކޮންމެ އަހަރަކުވެސް ފެނުގެ ދުވަސް ފާހަގަ ކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން މިއަހަރުވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ފެނުގެ ދުވަސް ފާހަގަ ކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް މި ކުންފުނިން ވަނީ ނިންމާފައެވެ.  ސާފު ރައްކާތެރި ފެނާ މެދުގައި ރައްޔިތުން ހޭލުންތެރިކުރުމަށް ތަފާތު ކެމްޕޭނުތަކެއް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެއެވެ. ފެނުގެ މުހިންމުކަމާއި، ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި،ފެން އިސްރާފު ނުކުރުމަށާއި އަދި މިކުންފުނިން ފޯރުކޮށްދޭ ސަޕްލައި ފެނުގެ ރައްކާތެރިކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ޕްރޮގުރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

އެމް.ޑަބް.ލިޔު.އެސް.ސީ އިން އުފައްދާ ފޯރުކޮށްދެމުންދާ ފެނަކީ ޒަމާނީ ޓެކްނޮލޮޖީއާ ވަސީލަތްތައް ބޭނުންކޮށްގެން، ލޮނު ފެން، ސާފު ފެނަށް ބަދަލުކޮށްގެން،  އުފައްދާ ރައްކާތެރި ފެނެކެވެ. މި ފެނަކީ ބުއިމަށް ރައްކާތެރިކަމަށް ބައިނަލްއަގުވާމީ ގޮތުންކަނޑައަޅާފައިވާ މިންގަނޑަށްވުރެވެސް ރަނގަޅު ފެންވަރެއްގެ ފެނެކެވެ. ފެނުގެ ކޮލިޓީ ކަށަވަރުކުރުމަށްޓަކައި ފެން އުފެއްދުމުގެ އެކި މަރުހަލާތަކުގައި ތަފާތު އެކިއެކި ޓެސްޓްތައްކުރެވެއެވެ. އަދި ކޮންމެ ދުވަހަކުވެސް މަދުވެގެން އެއް ފަހަރު، ފެނުގެ ނެޓުވޯކުގެ ސަރަހައްދުތަކުން ސާމްޕަލްނަގައި ޓެސްޓުތައް ކޮށް އަދި މިފެން ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރު ކުރަމުން ގެންދެއެވެ.

އދ. ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ހަވަނަ ލަނޑުދަނޑިއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެންމެންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ލަނޑުދަނޑިއެވެ. މި ލަނޑުދަނޑި ހާސިލްކުރަނީ ތިމާވެށި ރައްކާތެރިކޮށް ޖައްވު ނުސާފުވާމިންވަރު ވެސް ކުޑަކޮށްގެންނެވެ. މިލަނޑުދަނޑި ހާސިލްކުރުމަށް އެމް.ޑަބްލިޔު.އެސް.ސީ އިންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރުމުންނެވެ. މިގޮތުން ވޯޓަރ ސެކިއުރެޓީ ކަށަވަރުކުރުމުގެ ގޮތުން މި ކުންފުނީގެ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެ ސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ގާއިމް ކޮށް، ފެން އުފެއްދުން ވަނީ ލާމަރުކަޒު ކުރެވިފައެވެ. އަދި ސިނަމާލެ ބްރިޖްމެދުވެރިކޮށް ޕައިޕްލައިން އަޅައިގެން މާލެ އަދި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމުގެ މަސައްކަތްތަކާއި، ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި މާލެއާއި ހުޅުމާލޭގައި  އިތުރު ފެން ތާންގީތައް ހެދުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމުން. އަދި ތިމާވެއްޓާއި ވީހައިވެސް ރައްޓެހި ގޮތެއްގައި ފެން އުފެއްދުމަކީ އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒެވެ. މިގޮތުން މިކުންފުނީގެ އޮޕެރޭޝަން ތިން ސެންޓަރެއްގައި ދަނީ ފެން އުފެއްދުމުގައި  އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރަމުންނެވެ.  ކުންފުނީގެ މިސްރާބު ހުރީ  އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު ކުރިއަށް އޮތްތާނގައި އިތުރުކުރުމަށެވެ.

1995 ވަނަ އަހަރު ވުޖޫދަށް އައި އެމް.ޑަބްލިއު.އެސް.ސީ.ގެ މައިގަނޑު އަސާސަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހަމަހަމަކަމާއެކު  ރައްކާތެރި ބޯފެނާއި ނަރުދަމާގެ ފޯރުކޮށްދިނުމެވެ.   ދިވެހި ރާއްޖެއަކީ ފެނުގެ ވަސީލަތްތައް މަދު ޤައުމަކަށް ވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ މަސައްކަތް ފުޅާކޮށް ޚިދުމަތް ތަރައްޤީކުރުމުގައި މެދުކެނޑުމެއްނެތި ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ފެނުގެ ވަސީލަތްތަކަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެންމެންނަށް ހަމަހަމަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ފެން ފޯރުވައިދިނުމުގެ މުހިންމުކަން އިތުރުވެފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމް.ޑްބްލިއު.އެސް.ސީއިން އަންނަނީ ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކުންފުންޏެވެ.

ކުންފުނިން ފެނުގެ ދާއިރާގައި ހޯދާފައިވާ ތަރައްޤީއަށް ނަޒަރު ހިންގާލާއިރު، އެމް.ޑަބްލިޔު.އެސް.ސީ.ގެ 26 އަހަރު ދުވަހުގެ އިންޖިނިއަރިންގ ތަޖުރިބާގެ އެހީގައި، މިއަދު މި ކުންފުންޏަކީ ރާއްޖޭގައި ފެނުގެ މަޝްރޫޢުތައް ހިންގާ އެންމެ ބޮޑު އެއް ކުންފުންޏެވެ. މިގޮތުން، ރަށްރަށުގައި ޤާއިމްކުރާ ފެނާއި ނަރުދަމާގެ ނިޒާމުގެ ގިނަ މަޝްރޫޢުތަކުގައި އެމް.ޑަބްލިޔު.އެސް.ސީ.ގެ ބޮޑު ހިއްސާއެއް އޮންނަކަން ފާހަގަކޮށްލެވެއެވެ. އެމް.ޑަބްލިޔު.އެސް.ސީ.ގެ އަމާޒަކީ މެދުކެނޑުމެއްނެތި، އަދި ދެމެހެއޓެނިވި ގޮތެއްގައި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް