މަސްދަޅު ކޭސް މިރެއިން ފެށިގެން ބަހާނީ އޮންލައިންކޮށް ޓޯކަން ނެގޭ ނިޒާމަކުން ކަން ހާމަކޮށްފި

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް މިރޭ މާލެ ސަރަހައްދުގައި ބެހުން ކުރިއަށްގެންދާނީ އޮންލައިންކޮށް ޓޯކަން ނެގޭ ނިޒާމެއްގެ ދަށުންކަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސ...

22 Feb 2025 | 08:12

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް މިރޭ މާލެ ސަރަހައްދުގައި ބެހުން ކުރިއަށްގެންދާނީ އޮންލައިންކޮށް ޓޯކަން ނެގޭ ނިޒާމެއްގެ ދަށުންކަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ބުނެފައިވަނީ 1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، ވީ އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ގޮތުން، 2025 ފެބްރުއަރީ 22 ވާ ހޮނިހިރު ދުވަހުން ފެށިގެން، މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށް ގެންދާނެ އިންތިޒާމުތަކެއް މިހާރު އެކުލަވަލާލާފައިވާކަމަށެވެ.

މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމާއެކު، މަސްދަޅު ކޭސް ދޫކުރުން ކުރިއަށްގެންދާނީ ރޭގަނޑު ވަގުތުގައި ކަން ހާމަކޮށްފައިވެއެވެ. އަދި ކިޔޫގައި ގިނަވަގުތު ހޭދަކުރަން ނުޖެހޭނެހެން، އޮންލައިން ނިޒާމެއްގެ ތެރެއިން، ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށާއި މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެޔެއްގައި އެ މަރުކަޒަކުން އެ ބޭފުޅަކަށް މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި މިކަމަށް ކަނޑައެޅިފައިވާ ނިޒާމުގެ ތަފްސީލް އިޢުލާނުކުރެވޭނެކަމަށް ބުނެފައިވެއެވެ.

"މިހާރުވެސް އިޢުލާނުކުރެވިފައިވާ ފަދައިން، މަސްދަޅު ކޭސް ބަލައި ވަޑައިގަންނަވާއިރު، އެ ފަރާތެއްގެ އައިޑީ ކާޑާއި އެ މަހުގެ ކަރަންޓު ބިލު ގެންނަން ވާނެ، އެއް ފަރާތަށް އެންމެ ގިނަވެގެން ދޫކުރާނީ، (3 މީޓަރަށް) 3 މަސްދަޅު ކޭސް" އެ ވުޒާރާއިން ބުނެފައިވެއެވެ.

މަރުކަޒު ތަކާއި ތަފްސީލު

# މަރުކަޒު ރެއަކަށް ދޫކުރާނީ
1 މިފްކޯ ކޮމްޕްލެކްސް 200 ޓޯކަން
2 އެމްޓީސީސީ ސޯމިލް 200 ޓޯކަން
3 ހެންވޭރު ދަނޑު 100 ޓޯކަން
4 ގަލޮޅު ދަނޑު 1 50 ޓޯކަން
5 ގަލޮޅު ދަނޑު 2 50 ޓޯކަން
6 ގަލޮޅު ދަނޑު 3 50 ޓޯކަން
7 ގަލޮޅު ދަނޑު 4 50 ޓޯކަން
8 ސޯޝަލް ސެންޓަރު 100 ޓޯކަން
9 ވިލިމާލެ ވެމްކޯ ސައިޓް 100 ޓޯކަން
10 ހުޅުމާލެ-އުމަރު ޒާހިރު ބިލްޑިންގް 100 ޓޯކަން
11 ހުޅުމާލެ- ޕޮލްކޯ ޓަވަރ (ސީ ބްލޮކް) 100 ޓޯކަން
12 ހުޅުމާލެ – ހިޔާ ޓަވަރު 10 100 ޓޯކަން
13 ހުޅުމާލެ – ކާމިލް ދީދީ ޕްރީ ސްކޫލް 100 ޓޯކަން

މަރުކަޒުތަކުން މަސްދަޅު ދޫކުރަން ނިންމާފައިވަނީ ރޭގަނޑު 08:00 އިން ރޭގަނޑު 12:00 އަށެވެ.

ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރުން ފުރިހަމަ ކުރެވެންދެން މި މަސައްކަތް ކުރިއަށްގެންދާނެ ކަމަށާއި އަދި ފޯނު ފަދަ ތަކެތި ބޭނުންކުރުމަށް ދަތިކަމެއް ހުރެދާނެ ފަރާތްތަކަށްވެސް ދައްޗެއް ނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެކަމަށް ބުނެފައިވެއެވެ. މިގޮތުން، މިފަދަ އެއްވެސް ދަތިކަމެއް ވާ ފަރާތެއްނަމަ، މަރުކަޒަށް ވަޑައިގަތުމުން، އެތަނުގައި ތިއްބަވާ މުވައްޒަފުން އެހީތެރިވެދޭނެކަމަށްވެސް ބުނެފައިވެއެވެ.

އެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރޯދަ ހަދިޔާ އޮންލައިންކޮށް، ޓޯކަން ނެގޭނެ ގޮތް ހަމަޖެހޭނެކަމަށާއި މިއަދު ހަވީރު ވުމުގެ ކުރިން ލިންކް ޝެއަރ ކުރެވޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް