ކޮންމެ ދުވަހަކު ފެހި އާފަލެއް ކެވޭތަ؟

ފެހި އާފަލަކީ އޭގައި ވަރަށް ގިނަ ސިއްޙީ ފައިދާތައް އެކުލެވިގެންވާ މޭވާއެކެވެ. އަދި އަނގަޔަށްވެސް އެހާމެ މީރު މޭވާއެެކެވެ. ފެހި އާފަލު ބޭނުންކޮށްގެން ވަރަށް ގިނަ ވައްތަރުގެ ސެލަޑް އަދި ތަފާތުތު އެހެނިހ...

22 Feb 2024 | 06:59

ފެހި އާފަލަކީ އޭގައި ވަރަށް ގިނަ ސިއްޙީ ފައިދާތައް އެކުލެވިގެންވާ މޭވާއެކެވެ. އަދި އަނގަޔަށްވެސް އެހާމެ މީރު މޭވާއެެކެވެ. ފެހި އާފަލު ބޭނުންކޮށްގެން ވަރަށް ގިނަ ވައްތަރުގެ ސެލަޑް އަދި ތަފާތުތު އެހެނިހެން ބާވަތްތަކުގެ ބުއިންވެސް ތައްޔާރުކޮށްލެވެއެވެ.

ފެހި އާފަލުން ލިބޭ ބައެއް ސިއްޙީ ފައިދާއަށް ބަލާލާއިރު:

ފައިބަރ ލިއްބައިދޭ ފުރުޓެއް:

ފެހި އާފަލަކީ އޭގައި ވަރަށް ގިނަ އަދަދަކަށް ފައިބަރ އެކުލެވިގެންވާ ފުރުޓެކެވެ. ފައިބަރ އަކީ، ހަށިގަނޑުގެ މެޓަބޮލިޒަމް ކުރިއަރުވައި ދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އާފަލެއް ކެއުމަށްފަހު އޭގެ ތޮށި އުކާނުލާށެވެ. ސަބަބަކީ ފެހި އާފަލު ތޮއްޓަކީ އޭގައި ގިނަ އަދަދަކަށް ފައިބަރ އެކުލެވިފައިވާ އެއްޗަކަށް ވާތީއެވެ. އަދި ފެހި އާފަލު ތޮށީގެ ހުންނަ ފައިބަރގެ ސަބަބުން ހަށިގަނޑުގެ ހާއްސަކޮށް ލިވަރ، ވިހައިން ސަލާމަތްކޮށްދިނުމަށް އެހީތެރިވެދެއެވެ.

ފެޓް ދަށް ފުރުޓެއް:

ފެހި އާފަލަކީ، ފެޓްގެ ބައި މަދު އަދި ފެން ގިނަ އަދަދަކަށް އެކުލެވިގެންވާ ފުރުޓެކެވެ. އެކަމުގެ ސަބަބުން ހަށިަގަނޑުގެ ލޭ ދައުރުވުމުގެ ނިޒާމު ރަނގަޅުކޮށްދީ ، ހިތުގެ ބަލި އަދި ސްޓޮރޯކް ޖެހުން ފަދަ ކަންކަމުން ސަލާމަތްކޮށް ދިނުމަށް އެހީތެރިވެދެއެވެ. އަދި ފެހި އާފަލަކީ 'ވިޓަމިން ކޭ' ގިނަ އަދަދަކަށް ލިއްބައިދޭ ފުރުޓެއްކަމުން، ލޭގެތެރޭގައި ކްލޮޓްސް އުފެދުމުން ރައްކާރެތިކޮށްދިނުމަށް އެހީތެރިވެދެއެވެ.

ކަށި ވަރުގަދަކޮށް ދިނުމަށް އެހީތެރިވެދޭ:

ކެލްޝިއަމަކީ، ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށްދޭ އެންމެ މުހިއްމު އެއް މާއްދާއެވެ. އުމުރުން ތިރީހުން މައްޗަށް ދިޔައިމަ، ގިނަ މީހުން، ޚާއްސަކޮށް އަންހެނުންގެ ކަށިތަކުގެ ބާރު ދަށްވާން ފަށައެވެ. އެހެންކަމުން ފެހި އާފަލަކީ މިކަމަށް އެެހީތެރިކަން ފޯރުކޮށްލަ ދެވޭނެ މޭވާއެކެވެ. ދުވަހުގެ ކެއުމުގައި ފެހި އާފަލު ބޭނުން ކުރަން މުހިއްމެވެ. ސަބަބަކީ، ފެހި އާފަލަކީ ކެލްޝިއަމުން މުއްސަނދިވެފައިވާ މޭވާއަކަށް ވާތީއެވެ.

ވިޓަމިން 'އޭ' އަދި ވިޓަމިން 'ސީ" ގިނަ އަދަދަކަށް އެކުލެވިގެންވޭ:

ފެހި އާފަލުގައި ގިނަ އަދަދަކަށް އެކުލެވިގެންވާ ވިޓަމިން 'އޭ' އަދި ވިޓަމިން 'ސީ' ގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދެއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ހަންގަނޑަށް ދިމާވާ އެކިކަހަލަ ސިއްޙީ މައްސަލަތަކުން ހަންގަނޑު ސަލާމަތްކޮށްދީ ރައްކާތެރިކޮށް ދިނުމަށް އެހީތެރިވެދެއެވެ.

ލޮލުގެ ފެނުން ރަނގަޅުކޮށްދޭ:

ފެހި އާފަލުން ލިއްބައިދޭ ގިނަގުނަ ފައިދާތަކުގެ ތެރޭގައި، ފެހި އާފަލަކީ، ލޮލުގެ ފެނުން ރަނގަޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ މޭވާއެކެވެ. ފެހި އާފަލަކީ ގިނަ އަދަދަކަށް ވިޓަމިން 'އޭ' އެކުލެވިގެންވާ މޭވާއެކެވެ. އެހެންކަމުން ފެހި އާފަލު ޖޫހަކީ، ލޮލުގެ ފެނުން އިތުރަށް ރަނގަޅު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ.

ފެހި އާފަލަކީ ސިއްޙީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޭވާއަކަށްވާއިރު، ފަސޭހައިން ލިބެން ހުންނަ މޭވާއެއްވެސް މެއެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ފެހި އާފަލު ނުވަތަ ފެހި އާފަލުން ތައްޔާރުކުރާ ކޮންމެވެސް ބާވަތެއް ހިމަނާލުމަކީ މުހިއްމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް