ކުރިއެކޭ އެއްގޮތަށް ޕެނަޑޯލް ބޭނުން ކުރުމުގެ ހުއްދަ ދީފި

ކުރިއެކޭ އެއްގޮތަށް ޕެނަޑޯލް ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ. އެގޮތުން އެމްއެފްޑީއޭއިން މިއަދު ބުނެފައިވަނީ ޕެނަޑޯލް 500 މގ ގުޅަ ބޭހުން ކޮލިޓ...

22 Feb 2024 | 06:35

ކުރިއެކޭ އެއްގޮތަށް ޕެނަޑޯލް ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.

އެގޮތުން އެމްއެފްޑީއޭއިން މިއަދު ބުނެފައިވަނީ ޕެނަޑޯލް 500 މގ ގުޅަ ބޭހުން ކޮލިޓީ މައްސަލައެއް ފާހަގަ ވެފައިވާތީ، މި އޮތޯރިޓީގެ ފަރާތުން މިކަން އިތުރަށް ބެލުމުގެ ގޮތުން ލެބޯޓްރީ ތަހުލީލުތައްކޮށް ނަތީޖާ ވަނީ ލިބިފައި ކަމަށާއި ތަހުލީލު ރިޕޯޓްތަކުން ދައްކާ ގޮތުން "ޕެނަޑޯލް" ބްރޭންޑްގައި ހުންނަންޖެހޭ މިންވަރަށް (ކޮންޓިޓޭޓިވް ޓެސްޓުން) ބޭހުގެ ސްޓްރެންތް ހުރިކަން ވަނީ ޔަގީންވެފައިވާކަމަށެވެ.

"މި ބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވެފައިވަނީ ބޭސް އުފުލާ ގެންގުޅުމުގައާއި ގުދަންކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފެހެއްޓިފައި ނުވުމުގެ ސަބަބުކަން މި އޮތޯރިޓީން ބެލިބެލުމުން ފާހަގަކުރެވިފައިވެއެވެ. އަދި މި މައްސަލަ ފާހަގަ ކުރެވުނު ބެޗް މިހާރު މާކެޓުގައި ނެތްކަންވެސް ވަނީ ކަށަވަރުވެފައެވެ." އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

އެގޮތުން އެމްއެފްޑީއޭއިން ބުނެފައިވަނީ މިއަދުން ފެށިގެން މި ބޭސް ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަ ކުރިއެކޭ އެއްގޮތަށް ދީފައިވާކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރާކަމަށާއި މިފަދަ މައްސަލަތައް އިތުރަށް ތަކުރާރު ނުވެ، ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، އެ އޮތޯރިޓީގެ ފަރާތުން ޕަބްލިޝްކޮށް ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް ވާނީ އެންގިފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް