ކޭއޭސީއެލް އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް ޗެލެންޖްގެ ގުރުނަގައިފި

ލާމު ކައްދޫ ރިކްރިއޭޝަން ކުލަބުގެ ފަރާތުން އިންތިޒާމު ކޮށްގެން ކައްދޫގައި މަސައްކަތް ކުރާ ހުރިހާ ޑިޕާޓްމަނަޓެއްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ " ކޭއޭސީއެލް އިންޓަރ ޑިޕާޓްމަންޓް ފުޓްޗަލް ޗެލެ...

22 Feb 2023 | 16:39

ލާމު ކައްދޫ ރިކްރިއޭޝަން ކުލަބުގެ ފަރާތުން އިންތިޒާމު ކޮށްގެން ކައްދޫގައި މަސައްކަތް ކުރާ ހުރިހާ ޑިޕާޓްމަނަޓެއްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ " ކޭއޭސީއެލް އިންޓަރ ޑިޕާޓްމަންޓް ފުޓްޗަލް ޗެލެންގް 2023" ގެ ގުރުނަގައިފިއެވެ.

މުބާރާތުގެ ގުރުނެގުން ކުރިޔަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު 2:00 ގައި ކައްދޫ އެއަރ ޕޯޓުގެ ކިނބި ލައުންޖްުގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި މުބާރާތުގައި ވާދަކުރަނީ ޖުމުލަ ހަތަރު ޓީމެވެ. އެ ހަތަރު ޓީމަކީ އޮޕަރޭޝަންސް އާއި މަފިޓް އާއި މެޕްސް އެފްސީ އަދި ޑްރީމާސް އެވެ.

މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރާ ގޮތަށެވެ. މުބާރާތުގެ ޤަވައިދު ބުނާގޮތުން މެޗުތަށް ކުޅެ ނިމޭއިރު، އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމަށް މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ލިބޭއިރު، ސެމީ ފައިނަލުގެ ދެމެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ސެމީ ފައިނަލް އެއްވަނަ މެޗުގައި ބައްދަލުކުރާނީ މެޗުތައް ކުޅެ ނިމޭއިރު، އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ޕޮއިންޓް ޓޭބަލްގެ އެންމެ ކުރި ލިބޭ ޓީމަކާއި ޓޭބަލްގެ ދެވަނަ ލިބޭ ޓީމެވެ. މި މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވެގެންދާނެއެވެ. އަދި މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ފުރަތަމަ ސެމީ ފައިނަލް މެޗުން ބަލިވާ ޓީމަކާއި ޓޭބަލްގެ ތިންވަނަ ލިބޭ ޓީމް ބައްދަލުކުރާ ދެވަނަ ސެމީ ފައިނަލް މެޗުން ކުރި ލިބޭ ޓީމަކަށެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 1500 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ކުޅުން މާދަމާރޭ ފެށުމަށް މަހަޖެހިފައިވާއިރު، މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ޑްރީމާސް އާއި މެޕްސް އެފްސީއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 9:00 ގައެވެ. ހަމަ އެރޭ މި މުބާރާތުގެ ދެވަނަ މެޗެއްވެސް ކުޅެން ހަމަޖެހިފައިވާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ އޮޕަރޭޝަންސް އާއި މަފިޓްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 10:00 ގައެވެ.

މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ކައްދޫ އެއަރޕޯޓުގައި މަސައްކަތް ކުރާ އެންމެހައި މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމާއި،މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް އިޖްތިމާއީ ގުޅުންތައް ބަދަހި ކުރުމަށްކަމަށް މުބާރާތް އިންތިޒާމުކުރި ފަރާތުންބުނެއެވެ.

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ފޮނަދޫ މެދުއަވަށު ރަސްމީ ފުޓްސަލް ދަނޑުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް