ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުމަށް އަދާލަތުން ނިންމައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ. މިކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުވެ...

22 Feb 2023 | 14:29

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.

މިކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުވެފައިވާއިރު އެ އިގުރާރުގައި ބުނެފައިވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ 2023 ފެބްރުއަރީ 20 ވަނަ ދުވަހުގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުމާއެއްގޮތަށް ކުރެވުނު މަޝްވަރާތަކުގައި؛

  • މާތްވެގެންވާ އިސްލާމް ދީނުގެ ސައްޙަ އަޤީދާ ކުރިއަރުވާ ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނެގެހެއްޓުމަށާއި،
  • ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކޮށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ދަމަހައްޓާ، ދިވެހިރާއްޖޭގެ ސުލްޙަމަސަލަސްކަން ދަމަހައްޓާ، ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމަށާއި؛
  • ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށްފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ ޢަދާލަތު ޤާއިމުކުރުމަށް އިސްކަން ދިނުމަށާއި، މެނިފެސްޓޯ އެކުލަވާލުމުގައި ޢަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމަޔަށް ހޯދުމަށް އެއްބަސްވެވެވިފައި ވާތީ އާއި؛
  • ވޭތުވެ ދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު ޢަދާލަތު ޕާޓީއަށް ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި ޢަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާޙައުލު މިވަގުތު އޮތް ގޮތަށް ރިއާޔަތްކުރާ ހިނދު؛
  • މިވަގުތުގެ ޙާލަތުގައި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް ޢަދާލަތު ޕާޓީ އަށް މަސައްކަތްކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ޞާލިޙު އިންތިޚާބު ކޮށްގެން ކަމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނާތީ،

އެ ޕާޓީގެ ދުސްތޫރުގެ 49.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ޞާލިޙަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް