މީސްތަކުންނާއެކު އެބައިމީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައިވެސް ޖިންނީން އުޅެ އެވެ.

ޖިންނިޝައިތާނުން ނަކީ އަހަރެމެން އިންސާނުން ފަދައިން ދިރިއުޅޭ އެއްޗެކެވެ. ނަމަވެސް ޖިންނިޝައިތާނުން އަހަރެމެން އިންސާނުންގެ ލޮލަކަށް ނުފެނެއެވެ. ނަމަވެސް ބައެއް ސިފަސިފާގައި ޖިންނިޝައިތާނުން ފެންނަކަމ...

22 Feb 2023 | 12:35

ޖިންނިޝައިތާނުން ނަކީ އަހަރެމެން އިންސާނުން ފަދައިން ދިރިއުޅޭ އެއްޗެކެވެ. ނަމަވެސް ޖިންނިޝައިތާނުން އަހަރެމެން އިންސާނުންގެ ލޮލަކަށް ނުފެނެއެވެ. ނަމަވެސް ބައެއް ސިފަސިފާގައި ޖިންނިޝައިތާނުން ފެންނަކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ދީނީ ޢިލްމުވެރިންގެ ފަތުވާތަކަށް ބަލާއިރު، ޖިންނިޝައިތާނުން އުޅޭ އެއްތަނަކީ އަހަރެމެން ދިރިއުޅޭ ގެތަކެއެވެ.

މީސްތަކުންނާއެކު އެބައިމީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައިވެސް ޖިންނިތައް އުޅެ އެވެ. އެއީ (ޖިންނީންގެ ވައްތަރުތަކުގެ ތެރެއިން) العَوَامر  ގެ ނަމުން ނަންދެވިފައިވާ ޖިންނީންނެވެ. ގޭތެރެއިން ހަރުފައެއްގެ ސިފައިގައި ޖިންނިއެއް ފެނުނު އަންޞާރުންގެ ޒުވާން ކުއްޖާގެ ޙާދިޘާ މިކަމަށް ދަލީލުކޮށްދެ އެވެ. މި ޙާދިޘާ ޞަޙީޙު مُسلم   ގައި ވާރިދުވެގެން އައިސްފައިވެ އެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. ”މަދީނާގައި ޖިންނީންގެ ތެރެއިން ބަޔަކު އިސްލާމްވެއްޖެކަން ކަށަވަރެވެ. عَوَامر (މި ބާވަތުގެ) ޖިންނިއެއް (އެއްޗެއްގެ ޞޫރައިގައި) ފެނިއްޖެނަމަ (ގެއިން ނުކުތުމަށް) ތިންފަހަރު މަތިން އަންގާހުށި ކަމެވެ. ދެން އެއަށްފަހު ފެނިއްޖެނަމަ އޭތި މަރާހުށި ކަމެވެ. އެހެނީ އެއީ ޝައިޠާނެކެވެ.“

އަހަރެމެން އާންމުކޮށް ފެންވަރަން އަދި ޤަޟާޙާޖާ ކުރުމަށް ބޭނުންކުރާ ފާޚާނާތަކާއި ނުވަތަ އެހެންވެސް އެފަދަ ތަންތަނަކީ ވެސް ޖިންނިޝައިތާނުން އުޅޭތަންތަނެވެ. އެހެން ކަމުން ފާޚާނާއަށް ނުވަތަ އެހެންވެސް ޤަޟާޙާޖާ ކުރާ ތަންތަނަށް ވަންނަ ހިނދު ޖިންނިޝައިތާނުންގެ ކިބައި ސަލާމަތް ވުމަށް ކިޔާނެ ދުއާތައް ވެސް ވާރިދުވެފައި އެބަ ހުއްޓެވެ.

ރަސޫލާ ﷺ ޙަދީޘް ކުރެއްވިކަމަށް زَيد بن الأرقم  އަރިއަހުން ވާރިދުވެގެން އައިސްފައިވެ އެވެ. (إنَّ هذه الحُشوشَ مُحتضَرةٌ فإذا دخَلها أحدُكم فلْيقُلِ: اللَّهمَّ إنِّي أعوذُ بك مِن الخُبُثِ والخبائثِ)  ”ޤަޟާޙާޖާ ކުރެވޭ މިތަންތަނަށް ބަޔަކު ޙާޟިރުވެގެންވެ އެވެ. (އެބަހީ : ޝައިޠާނުން ޙާޟިރުވެ އެވެ.) ޤަޟާޙާޖާ ކުރުމަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން މީހަކު އަންނަހިނދު މިފަދައިން ބުނާހުށި ކަމެެވެ. اللَّهمَّ إنِّي أعوذُ بك مِن الخُبُثِ والخبائثِ ”އަޅުގެވެރި އިލާހެވެ! އެންމެހައި ނުބައިކަމަކާއި އަދި ނުބައިވެގެންވާ ނަފްސުތަކުގެ ކިބައިން (އަންހެން އަދި ފިރިހެން ޝައިޠާނުންގެ ކިބައިން) މިއަޅާ އިބަ އިލާހުގެ ޙަޟުރަތުން ރައްކާތެރިކޮށްދެއްވުމަށް އެދެމެވެ.“

ފަޙާނާގެ އިތުރުން މީހުން ދިރިނޫޅޭ ހުސްބިންތަކާއި، ސަހަރާތަކާއި، އެކަހެރި ކުރެވިފައިވާ ބިންތަކާއި، ވާދީ ތަކާއި، ދެފަރުބަދަ ދެމެދުގައިވާ (މަގުތައްފަދަ) ޝުޢަބު ތަކުގައި ޖިންނިޝައިތާނުން އުޅެ އެވެ. މިފަދަ ތަންތަނުގައި ނަބިއްޔާ ﷺ ޖިންނީންނާއި ބައްދަލުވިގޮތާއި އަދި (އެ ބައްދަލުވުމަށްފަހު) އެ ޖިންނީންނަށް ﷲ ގެ މަގަށް ދަޢުވަތު ދެއްވިގޮތުގެ މައްޗަށްވާ ابن مَسعُود  ގެ ޙަދީޘް މިފޮތުގައި އިސްވެ ގޮސްފައިވާނެެކަން ކަށަވަރެވެ.  ޖަނަވާރުގެ ބޮޑުކަމުދާ ތަކެތީގެ އިތުރުން އުކާލެވޭ ކުނިތައް ޖަމަޢަވެފައިހުންނަ ކުނިގޮނޑުތައް އަދި ޢާންމުކޮށް ކާބޯތަކެތި އުކާލެވިފައިހުންނަ ތަންތަނުގައި ޖިންނިޝައިތާނުން އުޅެއެވެ.

ނޯޓް: މި ލިޔުމަށް ޟައުލޫމާތު އެއްކުރީ އަބޫއަނަސްއެމްވީ އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް