މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕަނީ ޕްރައިވެޓް ލިމިޓެޑްގެ ލެބޯޓަރީއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ ގޮތުން، އައު ހިދުމަތެއްގެ ގޮތުގައި ލެބް އިކުއިޕްމެންޓް ކެލިބްރޭޝަންގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
މި ހިދުމަތް ތައާރަފްކުރީ މިކަމަށްޓަކައި މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ހުސެއިން ރަޝީދު ހަސަން އެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް އާއި ބޯޑް ޑިރެކްޓަރުންގެ އިތުރުން އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓް އާއި އަދި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވީ، އަލަށް ތައާރަފު ކުރެވިގެންމިދިޔަ ލެބޯޓަރީ އިކުއިޕްމަންޓް ކެލިބަރޭޓިންގ ގެ ހިދުމަތަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުޓިލިޓީ ހިދުމަތްތައް ދެމުންދާ ކުންފުނިތަކުން، ފޯރުކޮށްދޭ ފެނާއި ނަރުދަމާ ހިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ހިދުމަތެއް ކަމުގައެވެ. އަދި މި ހިދުމަތުގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން ލެބް އިކުއިޕްމެންޓްތަކުގައި ކޮންމެހެން ހުރުން ލާޒިމްކުރާ މިންގަނޑުތަކާއި އެއްގޮތަށް އިކުއިޕްމެންޓްތައް ދަމަހައްޓައި، މި އިކުއިޕްމަންޓްތައް މެދުވެރިކޮށް ހަދާ ޓެސްޓްތަކުން ލިބޭ ނަތީޖާއާއި މެދު އޮންނަ ޔަގީންކަން އިތުރުވެގެންދާނެ ކަމުގައިވެސް މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް ފާހަގަކުރެއްވިއެވެ.
އެމްޑަބްލިއުއެސްސީން މައުލޫމާތުދެއްވާގޮތުގައި ދިވެހިރާއްޖޭގައި އަލަށް ތައާރަފްކުރެވުނު މި ހިދުމަތް، އެމްޑަބްލިއުއެސްސީއިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ސައްތައިން ސައްތަ ދިވެހި މުވައްޒަފުން މެދުވެރިކޮށެވެ. މި ހިދުމަތް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން މި ހިދުމަތް ފޯރުކޮށްދޭ އިކުއިޕްމެންޓްތަކާއި އަދި ޕެރެމީޓާސްތަކުގެ ތެރެއިން ކަސްޓަމަރު ބޭނުންވާގޮތަށް ޕެކޭޖް ތައްޔާރު ކުރެވޭނެއެވެ. އަދި އެމްޑަބްލިއެސްސީއަށް އިކުއިޕްމަންޓް ގެނައުމުން ނުވަތަ ކަސްޓަމަރު އެދިލެއްވުމުން އިކުއިޕްމެންޓް ހުރި ތަނަށް އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ގޮސްގެންވެސް މި ހިދުމަތް ލިބޭނެގޮތް ވުމަކީ ކަސްޓަމަރުންނަށް ލިބޭ ބޮޑު ލުއިފަސޭހައެކެވެ.
ލެބް އިކުއިޕްމަންޓް ކެލިބަރޭޝަން ހިދުމަތަށް އެދިލެއްވުމަށް އެމްޑަބްލިއުއެސްސީގެ ޝޯރޫމަށް ޒިޔާރަތް ކުރައްވައިގެން ނުވަތަ އެމްޑަބްލިއުއެސްސީގެ ޝޯރޫމްގެ ހޮޓްލައިން 7960022 އަށް ގުޅުއްވައިގެން ކުރިއަށްގެންދެވޭނެއެވެ. ނުވަތަ ބޭނުންވާ މައުލޫމާތު [email protected] އަށް ހިއްސާކުރައްވައިގެން ކުރިއަށްގެންދެވޭނެއެވެ. އެމްޑަބްލިއުއެސްސީގެ އަމާޒަކީ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ ކުރިއެރުވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް