އެމްޓީސީސީގެ މުވައްޒަފުންނަށް އަމާޒުކޮށް "ސުޕަވައިޒާސް ފޯރަމް2023" ބާއްވައިފި އެވެ.
އެއީީ އެ ކުންފުނީގެ އިންޖިނިއަރިން އެންޑް ޑްރެޖިން ޑިވިޝަނާއި އެޗްއާރު ޑިވިޝަން ގުޅިގެން ކުރިޔަށް ގެންދިޔަ ފޯރަމަކެވެ. ފޯރަމް ކުރިޔަށް ގެންދިޔައީ އެއް ދުވަހުގެ މުއްދަތަށެވެ.
މި ފޯރަމްގައި ރައްޖޭގެ އެކި ކަންކޮޅުތަކުގެ ޕްރޮޖެކްޓު ސައިޓުތަކުގައި ސުޕަވައިޒަރުންނާއި ޕްރޮޖެކްޓު ޓީމާއި، އިންޖިނިއަރިން އެންޑް ޑްރެޖިން ޑިވިޝަންގެ އިސްވެރިން ހިމެނޭހެން 88 މީހުން ބައިވެރިވި އެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި ފޯރަމްގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ވަނީ ހިންގާފަ އެވެ.
އެ ސެޝަންތަކުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، އެމްޓީސީސީގެ ސީއީއޯ އާޒިމް، މަޝްރޫއުތައް ހިންގުމާއި ގުޅޭގޮތުން މުހިއްމު މަޢުލޫމާތުތަކެއް ބައިވެރިންނަށް ހިއްސާކުރެއްވި އެވެ. އެމްޓީސީސީގެ އެކިއެކި ޑިވިޝަންތަކުގެ ވެރިންނާއި ޓެކްނިކަލް އެކްސްޕާޓުންވެސް ސެޝަންތައް ނަގައިދިން ކަަމަށް އެކުންފުނިން ބުންޏެވެ.
އެގޮތުން، އެމްޓީސީސީން ހިންގާ މަޝްރޫއުތަކުގެ ކޮލިޓީ ރަނގަޅު ކުރުމާއި، ސަރުކާރުން ބޭނުންވާ އަވަސް މިނުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި، ހަރަދުކުޑަކޮށް، މަޝްރޫއުތައް ނިންމަން އޮންނަ ވަގުތުގެތެރޭ އެފިޝެންޓްކޮށް މަޝްރޫއުތައް ނިންމުމާއި ގުޅޭގޮތުން ބައިވެރިން ހޭލުންތެރިކޮށް، ކުންފުނީގެ މެޝިނަރީޒްއާއި ވަސީލަތްތައް ބަލަހައްޓާ “ޕްރިވެންޓިވް މެއިންޓެނެންސް” ގެ އިމުގުތެރެއިން އެންމެ ފައިދާވާގޮތަށް އެތަކެތި ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްގެންދިޔަ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީއަކީ ރައްޔިތުންގެ ކުންފުންޏެއް ކަން ފާހަގަކޮށް އެކުންފުނިން ބުނީ އެކުންފުންޏާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ފޯރަމްގައި އަލިއަޅުވާލާފައިވާ ކަމަށެވެ.
އަދި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި އާއްމުންވެސް، ސިއްހީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބަހައްޓަންޖެހޭ މިންގަނޑުތަކުގެ މައްޗަށް އަލިއަޅުވާލާ އެކަމާގުޅޭ މުހިއްމު މައުލޫމާތުތަކެއް ފޯރަމްގެ ބައިވެރިންނާ ހިއްސާކޮށް މުވައްޒަފުންގެ ހިފަހައްޓަންޖެހޭ އަހުލާގީ މިންގަނޑުތަކަށް ހޭލުންތެރި ކުރުވާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް