ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ލިބުނީ 1،000 ކޯޓާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ހާމަ ކުރައްވައިފި އެވެ.
މިނިސްޓަރު މިކަން ހާމަ ކުރެއްވީ ޓުވީޓެއް ކުރައްވަ އެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރު ރަސްމީ ދޭން ކަނޑައަޅާފައިވާ 1،000 ހައްޖު ކޯޓާ ލިބިފައިވާ ކަމަށެވެ. ޑރ. ޒާހިރު ވިދާޅުވީ މިނިސްޓްރީން ދަނީ އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއަށް ލިބުނު ކޯޓާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސައުދީ ހައްޖު މިނިސްޓަރާއި ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ސޮއި ކުރައްވާފައިވާ ކަމަށެވެ.
1444 ވަނަ އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ޙައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ކުންފުނިތަކަށްވެސް ހުޅުވާލާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.
https://twitter.com/AhmedZahirAli/status/1628259605318103040
މިދިޔަ އަހަރު ރާއްޖެއަށް ލިބިފައިވަނީ 453 ހައްޖު ކޯޓާއެވެ. ކޯޓާ ލިބުނުލެއް މަދު ކަމުން މިދިޔަ އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ދިނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށެވެ.
ކޯވިޑްގެ ކުރިން ރާއްޖެއަށް އާންމުކޮށް 2،000 ހައްޖު ކޯޓާ ހަމަޖެހެ އެވެ. އެއީ އާންމު އުސޫލުން ދޭ 1،000 ކޯޓާ އާއި ހާއްސަ އުސޫލުގެ ދަށުން ރާއްޖެއަށްދޭ އިތުރު 1،000 ކޯޓާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް