އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު އަށެއްގައި

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަމަހުގެ 8 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފިއެވެ. މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވާ ފަރާ...

22 Feb 2023 | 06:22

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަމަހުގެ 8 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފިއެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެގެން ބައިވެރިވެވޭނެއެވެ.

މި ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އުރީދޫގެ ހިއްސާދާރެއްގެ ގޮތުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 (އެކެއް) ވޯޓު ލިބޭނެއެވެ.

އުރީދޫއިން ބުނީ ކްރޮސްރޯޑްުގައި އޮންނަ ޖަލްސާއަށް ހާޒިރުވެވޭނީ 120 ހިއްސާދާރުންނަށް ކަމަށެވެ. އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމު އޮންނާނެ އެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަންނަމަހުގެ 6ވަނަ ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.

އަހަރީ އާންމު ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮންނަނީ ނިމިދިޔަ އަހަރުގެ ޔައުމިއްޔާ ފާސްކުރުމާއި، ބޯޑުން ކަނޑައަޅާ ހިއްސާގެ ފައިދާ އަދަދު ހިއްސާދާރުންގެ ވޯޓުން ނިންމުމާއި ކުރިއަށްއޮތް އަހަރަށް ކުންފުނީގެ ބޯޑު އަދި އޮޑިޓަރު ހޮވުން ފަދަ ކަންކަމެވެ.

އުރީދޫގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުންވަނީ ނިންމާފައެވެ. މިދިޔަ އަހަރު އެ ކުންފުނިން ބަހާފައިވަނީ ހިއްސާއަކަށް 2.34 ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް