ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރޭ ޖަރުމަނުގެ އެއިންޓްރަކްޓް ފްރެންކްފޯޓާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ މުބަރާތުގެ ކުއަޓާ ފައިނަލުގެ އުންމީދު ނަޕޮލީން ބޮޑުކޮށްފިއެވެ.
ފްރެންކްފާޓްގެ ދަނޑުގައި ކުޅުނު މި މެޗު ނަޕޮލީން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.
މެޗު ފެށިގެން މޮޅަށް ކުޅެފައިވަނީ ނަޕޮލީންނެވެ. ގިނަ ވަގުތު ބޯޅަ ގެންގުޅެ ފްރެންކްފާޓްގެ ފަހަތަށް ބާރުބޮޑުކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ނަޕޮލީއަށް ވަނީ ޕެނަލްޓީއެއްވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް ނަޕޮލީގެ ވިންގް ކްވިޗާ ކްވަރަޝްކޭލިއާ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެނެވެ. މި ޕެނަލްޓީ ނާކާމިޔާބު ވި ނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން ނަޕޮލީން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގިއެވެ. ނަޕޮލީން ލީޑުނެގި މި ލަނޑު ޖަހައިދިނީ ވިކްޓަ އޮސީމެން އެވެ. މިއީ ލޮޒާނޯގެ އެހީތެރިކަމާއި އެކު އޭނާ ޖެހި ލަނޑެކެވެ.
ނަޕޮލީން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފު ފެށިގެންް ތިންވަނަ މިނެޓުގައި ފްރޭންކްފާޓްގެ ކޯލޯ މުއާނީ އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި ރަތްކާޑާއި އެކު ފްރެންކްފޯޓަށް އިތުރު މައްސަލަތަކާއި ކުރިމަތިވި އިރު، ނަޕޯލީން ވަނީ މެޗުގެ 67 ވަނަ މިނެޓުގައި އެޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ކްވަރަޝްކޭލިއާ ދިން ބޯޅައަކުން މި ލަނޑު ޖެހީ ނަޕޯލީގެ ކެޕްޓަން، ޖިއޮވާނީ ޑި ލޮރެންޒޯ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް