ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރޭ ފަހަތުން އަރައި ލިވަޕޫލް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މުބާރާތުގެ ކުއާޓާ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
ލިވަޕޫލުގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކުރީ 2-5 ގެ ނަތީޖާއިންނެވެ.
އެންފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ ކޮޅު ލިވަޕޫލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވަރަށް ގާތްގާތުގައި ދެ ލަނޑު ޖަހާ މެޗުގެ ލީޑު ލިވަޕޫލުން ހޯދިއެވެ. މެޗު ފެށިގެން ހަތަރު ވަނަ މިނިޓްގައި މުހައްމަދު ސަލާހު ދިން ބޯޅައަކުން ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖެހީ ޑާވިން ނޫނޭޒް އެވެ. އޭގެ ފަހުން، 14 ވަނަ މިނިޓްގައި، ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ހެދި ގޯހެއްގެ ފައިދާނަގައި، މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑުފުޅާކޮށްދީފަ އެވެ.
ނަމަވެސް ލިވަޕޫލުން ޖެހި ދެ ލަނޑަށް ފަހު ރެއާލުން މެޗުގެ ކޮންޓްރޯލް އަތުލިއެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ފަރަގު ކުޑަކުރީ މެޗުގެ 21 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ އެވެ. ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 36 ވަނަ މިނިޓްގައި އެލިސަން ހެދި ގޯހެއްގެ ފައިދާ ނަގައި ވިނީޝިއުސް ޖަހައިދިން ލަނޑުންނެވެ.
ދެ ޓީމުންވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، މެޗުގެ ދެ ވަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓްގައި ރެއާލުން މެޗުގެ ލީޑު ނެގިއެވެ. އެޓީމަށް މެޗުގެ ލީޑުނެގި މި ލަނޑު ޖަހައިދިނީ އެޑާ މިލިޓާއޯ އެވެ. މިއީ ހިލޭ ޖެހުމަކުން ލޫކަ މޮޑްރިޗް ނެގި ބޯޅައަކުން މިލިޓާއޯ ބޮލުން ވައްދާލި ލަނޑެކެވެ. މެޗުގެ 55 ވަަނަ މިނިޓްގައި ރެއާލްގެ ހަތަރު ވަނަ ލަނޑު ޖެހީ ކެޕްޓަން، ކަރީމް ބެންޒެމާ އެވެ. ރެއާލްގެ ފަސް ވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ބެންޒެމާ އެވެ.
މި ދެޓީމުން ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގައެވެ. މި މެޗުގެ ނަތީޖާއާއި އެކު ކުއާޓާގެ ފުރުސަތު ރެއާލްއިން ބޮޑުކުރި ނަމަވެސް އަދިވެސް ލިވަޕޫލަށް ވެސް ހަނި ފުރުސަތެއް އެބައޮތެވެ. މި މެޗުން ކުއާޓާގެ ޖަގައެއް ބެނުންނަމަ ލިވަޕޫލުން ޖެހޭނީ ހަތަރު ލަނޑުގެ ތަފާތުން ރެއާލް ބަލިކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް