މަސްތުވާތަކެތީގެ މައްސަލައިގަ އިންޑިއާގެ ކެރެލާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރި ދިވެއްސެއް ކަމަށްވާ އާމިނަތު ރަޝީދާއަށް އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރީ (އެންސީބީ) އިން ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.
އުމުރުން 58 އަހަރުގެ ރަޝީދާ ހައްޔަރު ކުރީ މިމަހުގެ 12 ވަނަ ދުވަހު އެ ގައުމަށް ދިޔަތަނުންނެވެ. އޭގެ ފަހުން މުމްބާއީއަށް ގެންގޮސް ބަންދުގެ މުއްދަތުވެސް ވަނީ އިތުރުކޮށްފަ އެވެ.
އިންޑިއާގެ މަޝްހޫރު ނޫސްތަކުގައި އެންސީބީގެ އޮފިޝަލަކާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޝީދާ ދެ ގައުމުގެ ދެމެދުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. އޭނާ އަކީ ރާއްޖޭގައި ހެދުމުގެ ވިޔަފާރި ކުރާ މީހެއް ކަމަށާއި ވިޔަފާރި ދަތުރުތަކުގައި އާންމުކޮށް އިންޑިއާއަށް ކުރާ ދަތުރުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވުން އޮންނަ ކަމަށެވެ.
އެންސީބީގެ އޮފިޝަލަކު މައުލޫމާތު ދީފައިވާ ގޮތުގައި އިންޓެލިޖެންސް ބިއުރޯއިން ރަޝީދާއަށް ފާރަލަމުންދިޔަކަން އިންޑިއާއަށް މިމަހު ދިޔަ އިރު އޭނާއަކަށް ނޭނގެ އެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ފަހު އެންސީބީއާ ހަވާލު ކުރީ އިންޓެލިޖެންސް ބިއުރޯއިން ކަމަށް ބުނެފައިވެ އެވެ.
އެ އޮފިޝަލް ވިދާޅުވީ ރަޝީދާ އާއި މަސްތުވާތަކެއްޗާއި ގުޅުން އޮތްކަން ތަހުގީގަށް އެނގުނީ ރާއްޖެއަށް ފޮނުވަން އުޅެނިކޮށް މިދިޔަ ޑިސެމްބަރު މަހު އަތުލައިގެން ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތެރެއިންނެވެ. އެ މަސްތުވާތަކެތި ފެނިފައިވަނީ އެޖެންސީއެއް މެދުވެރިކޮށް ރަޝީދާއަށް އެޑްރެސްކޮށް އިންޑިއާއިން ރާއްޖެއަށް ފޮނުވަން އުޅުނު މައިކްރޯވޭވް އަވަނެއްގެ ތެރެއިންނެވެ.
އިންޑިއާގެ އެންސީބީން މިހެން ބުނެފައިވާއިރު ރަޝީދާގެ އާއިލާއިން ދިވެހި މީޑިއާގައި ވަނީ ރަޝީދާގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާ އަކީ ވިޔަފާރި ކުރާތާ އެތައް އަހަރެއް ވެފައިވާ މީހެއް ކަމަށާއި މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ބައްދާލީ އިންޑިއާއިން ރަޝީދާއަށް މުދާ ފޮނުވާ އެޖެންޓުން ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.
އާއިލާއިން ބުނީ ރަޝީދާ އާއި މަސްތުވާތަކެއްޗާއި އެއްވެސް ގުޅުމެއް ނޯންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް