ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން "ސާސްތުރަ" ގެ ނަމުގައި މަޖައްލާ އެއް ނެރެފިއެވެ.
ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެގޮތުން 2020 ވަނަ އަހަރު ފެށި “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކުރި މި މަޖައްލާ ނެރެދެއްވީ މިއަދު ހެނދުނު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
ސާސްތުރަ އަކީ 62 ޞަފްހާގެ މައްޗައް އެކުލެވޭ މަޖައްލާއެކެވެ.
މި މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ލިޔެފައިވާ އާޓިކަލްތަކުގެ އިތުރުން ގެވެށި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ގެވެށި ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މަޢުލޫމާތު އެކުލެވޭ އާޓިކަލް ހިމަނާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، ގެވެށި އަނިޔާއާ ގުޅުންހުރި މުހިންމު ބައެއް ސުވާލާއި އަދި އޭގެ ޖަވާބު ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި ޙިދުމަތްތަކާ ގުޅޭ މަޢުލޫމާތު މި މަޖައްލާގައި ހިމަނާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކުރެއެވެ.
މި މަޖައްލާގައި މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ "ގެވެށި ގުޅުން ސާސްތުރަ" ޓީވީ ސީރީޒްގައި މެހުމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވާ ފަރާތްތަކުން ވިދާޅުވެފައިވާ ވާހަކަފުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބައެއް ވިދާޅުވުންތައް ހިމަނާފައިވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން މިހާތަނަށް ކުރިއަށްގެންދެވިފައިވާ ބައެއް ޙަރަކާތްތަކުގެ ފޮޓޯއާއި ކެމްޕެއިންގެ ދަށުން ފޯރުކޮށްދެވޭ މައިގަނޑު ބައެއް މެސެޖުތައްވެސް، އެއާ ގުޅުންހުރި އިލަސްޓްރޭޝަންއާއެކު ހިމެނިފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި، ހަމަ މިއާއެކު ގެވެށި އަނިޔާއަށް ހޭލުންތެރިކޮށްދޭނެ ކުރު ވާހަކަ އާއި ކޮމިކް އަދި ޅެންވެސް މި މަޖައްލާގައި ހިމަނާފައިވެއެވެ.
"ސާސްތުރަ" މަޖައްލާގައި ހިމަނާފައިވާ އާޓިކަލްތައް ލިޔެފައިވާ ފަރާތްތަކުގެ ތެރޭގައި އިޖުތިމާޢީ މައްސަލަތަކާއި ގުޅޭ ޢިލްމު ހާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުންނާއި، ރާއްޖޭގެ ބައެއް މަޝްހޫރު ލިޔުންތެރިން ހިމެނެއެވެ.
މި މަޖައްލާ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުޚްތާރު ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް