ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއަށް އިސްލާހު ގެންނަން ވާނީ ހަމައެކަނި އެމްޑީޕީ މެންބަރުން ބޭނުންވާ ގޮތަށް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މިހެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދާ ބަހުސްގައި ރިޔާސަތުގައި އިންނަވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ނަޝީދު ވިދާޅުވީ ޤާނޫނު އަސާސީއަށް އެ އިސްލާހުތައް ގެނައުމުގައި މެޖޯރިޓި ޕާޓީ އެދޭ ގޮތަށް ކަންކަން ގެންދިއުމުގެ ބަދަލުގައި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަށް އެމަސައްކަތް ކުރިއަށް ގެންދިއުމަކީ ޝައްކެއް ނެތް ގޮތުގައި އެންމެ ބުއްދިވެރި ގޮތް ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާނީ އެގޮތަށް ކަމުގައި ނަޝީދުު ވިދާޅުވިއެވެ.
އެމްޑީޕީން އެންމެ ފަހުން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށައަޅުއްވާފައެވެ. އޭގެތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި
ރިޔާސީ ޕްރައިމަރީ ބޭއްވުމާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ ޢަދަދު ކަނޑައެޅުމާއި ޖޭއެސްސީ އިސްލާޙުކުރުން ހިމަނުއްވާފައިވެއެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމްލަ ވޯޓުގެ 30 އިންސައްތައަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާނަމަ، އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަށާއި އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ 30 އިންސައްތަ ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ކަނޑައެޅުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އަދި މި އިސްލާހް ގެނައުމުގެ ބޭނުންފުޅަކީ އެމްޑީޕީ ގިނަދުވަހު ވެރިކަމުގައި ދެމިއޮތުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނާގޮތުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ 50 ޕަސެންޓު ވޯޓު ލިބޭ ކެންޑިޑޭޓަކަށެވެ. ފުރަތަމަ ބުރުން އެ އަދަދަށް ވޯޓު ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓަކާއި އެކު ދެވަނަ ބުރު ބާއްވައިގެން 50 ޕަސެންޓު ލިބޭ މީހަކު ކަނޑައަޅަނީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް