މާލެ ސިޓީގައި ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން "ވިޔަފާރިވެރިންގެ ފޯރަމް" ގެ ނަމުގައި ފޯރަމެއް ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ފޯރަމަކީ މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ވިޔަފާރިތަކަށް، ކުށްކުރާ މީހުންގެ ސަބަބުން ދިމާވަމުންދާ މައްސަލަތައް ދެނެގަނެ އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އަދި އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ހޯދައި ބެލުމަށްޓަކައި ކުރިއަށް ގެންދިޔަ ފޯރަމެކެވެ.
އެގޮތުން، ފިހާރަތަކުން ކުރާ ވައްކަންތަކުގެ މައުލޫމާތު ހިއްސާކޮށް އަދި ވައްކަންކޮށްފައި ހުންނަ ގޮތްތައް ކިިޔައިދީފައިވެއެވެ.
އަދި އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި، ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ރިކަވަރ ކުރެވިފައިވާ ތަކެއްޗާއި އެ މައްސަލަތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މީގެ އިތުރުން، ފިހާރަތަކުން ކުރާ ވައްކަން ހުއްޓުވުމަށް ތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަން ބުނެދީ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ފިހާރަ ބަންދުކޮށްފައި ދާއިރު ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.
އަދި ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންނާއި ވިޔަފާރިވެރިން ގުޅިގެން އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަށް ހިޔާލުހޯދައި މަޝްވަރާކޮށްފައިވެއެވެ.
ސެންޓްރަލް ޕޮލިސިންގ ކޮމާންޑުން ކުރިއަށް ގެންދިޔަ އެ ފޯރަމްގައި މާލެ ސިޓީގެ ސްޓޭޝަންތަކުގެ ހެޑުންނާއި، ޔުނިޓު ހެޑުންނާ އަދި ޝިފްޓް އައިސީންގެ އިތުރުން 30 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް