ރާއްޖޭގެ އެންމެ ކުޑަ އެއް ލީސިންގ ރޭޓާއެކު ލިބޭނެ ބީއެމްއެލް އިސްލާމިކްގެ ފުރަތަމަ ފައިނޭންސިން ޕްރޮޑަކްޓްތައް މިއަދު ތައާރަފްކޮށްފިއެވެ.
ބީއެމްއެލް އިސްލާމިކް ހޯމް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ފައިނޭންސިން ޕްރޮޑަކްޓް ތަޢާރަފްކޮށްފައިވަނީ މާލޭގައި ހުންނަ ބީއެމްއެލް އިސްލާމިކް ހެޑްކުއާޓަރޒްގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.
ބީއެމްއެލްއިން ހާމަކުރާގޮތުގައި ހައުސިންގ ފައިނޭންސް އަށް ރާއްޖޭގައި ބޮޑު ޑިމާންޑެއް އޮތުމާއެކު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ އާއިލާތަކާއި އަމިއްލަ ފަރުދުންނަށް ބީއެމްއެލް އިސްލާމިކް އާ ބައިވެރިވެގެން ގެދޮރު އިމާރާތްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އިސްލާމިކް ފައިނޭންސަށް އެދޭ ފޯމު މިއަދުން ފެށިގެން މާލޭ ކަސްޓަމްސް ސަރަހައްދުގައި ހުންނަ ބީއެމްއެލް އިސްލާމިކް ހެޑްކުއާޓަރޒްއިންނާ އަތޮޅުތަކުގައި ހުރި ބޭންކް ބްރާންޗްތަކުން ބަލައިގަންނާނެއެވެ.
"އަޅުގަނޑުމެންގެ ހޯމް ފައިނޭންސިންގ ޕްރޮޑަކްޓްތައް ދިވެހިންނާ ހަމަޔަށް ގެނެސްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިއަދުން ފެށިގެން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ޝަރީއާ ކޮމްޕްލަޔަންޓް ހޯމް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ. އަޅުގަނޑުމެން އުއްމީދުކުރަނީ މި ފައިނޭންސަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭނެކަމަށް. އަދި ވަކީން ހާއްސަކޮށް ޝަރުޢީ ހަމަތަކުގެ މަތިން ބޭންކިންގ ޚިދުމަތްތައް ހޯދަން ބޭނުންވާ ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. ކަސްޓަމަރުން ބޭނުންވާ ގޮތަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް އިމާރާތްކުރުމަށް ފައިނޭންސް ކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް." މި ޚިދުމަތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑައިރެކްޓަރ އޮފް ބީއެމްއެލް އިސްލާމިކް ޒުލްޤަރުނައިން ތަމާން ވިދާޅުވި އެވެ.
ބޭންކުން ހާމަކުރާގޮތުގައި ބީއެމްއެލް އިސްލާމިކް ފަރުމާކުރެވިފައިވަނީ އިސްލާމީކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތީންނެވެ. ކަސްޓަމަރުން ޑިޕޮސިޓް ކުރާ ފައިސާ ބަލަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. ބީއެމްއެލް އިސްލާމިކް ހިންގަމުންދަނީ އިސްލާމިކް ފައިނޭންސްގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއެކު އެކުލަވާލާފައިވާ ބޭންކުގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް