މޯލްޑވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން މަސައްކަތް ކުރާ ޕްރިޒަން އޮފިސަރުން ވަޒީފާއިން ވަކި ކުރާއިރު ނުވަތަ އަމިއްލައަށް އެދިގެން ވަކިވާއިރު ކުށެއް ކޮށްފައި ވާނަމަ އެކަން ކުށުގެ ރެކޯޑުގެ ގޮތުގައި ހިމަނަން މޯލްޑިވްސް ކަރެކްޝަނަސް ސާވިސްގެ ބޯޑުން ނިންމައިފި އެވެ.
އެމްސީސެސްގެ ބޯޑުގައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނީ އެކި ކުށްކުށުގައި އެ ސާވިސްގެ ވަޒީފާއިން މުވައްޒަފުން ވަކި ކުރަން ނިންމާފައިވަނިކޮށް އަމިއްލައަށް ސިޓީ ލައި، ވަކިވާން އެދޭ މުވައްޒަފުންގެ ވަކިވުމުން އޭނާ ވަޒީފާގައި ހުރެ ކުރި އެއްވެސް ކުށެއް ރެކޯޑު ކުރެވެމުން ނުދާތީއެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންވެސް އެއްބަސްވީ އެގޮތަށް ކުށުގެ ރެކޯޑު ނުހިމަނާ ވަކިވި ކަމުގެ ލިޔުން ދޫކުރުމަކީ ރައްކާތެރި މުޖުތަމައުއަކަށް އެޅޭ ހުރަހެއް ކަމަށެވެ. ލިޔުމުގައި ރެކޯޑުތައް ނުހިމެނުމަކީ ތަފާތު ކުށުގެ މައްސަލަތަކުގައި ކަނޑާލަން ނިންމާފައިވަނިކޮށް އަމިއްލައަށް ވަކިވާ މުވައްޒަފުން އެހެން ތަންތަނުން ވަޒީފާ ހޯދައިގެން ކުށްކުށަށް އަރައިގަތުމަށް ދެވޭ ފުރުސަތެއް ކަމަށެވެ.
މީގެ އިތުރުން އެއީ ސާބިތުކަމާއެކު މަސައްކަތްކުރާ ހީވާގި އެހެން އޮފިސަރުންގެ ގަދަރާއި އިއްޒަތުގެ އިތުރުން އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ. އަދި އެ މުއައްސަސާގެ މައްޗަށް ރައްޔިިތުން ކުރާ އިތުބާރުވެސް ގެއްލޭކަމެއް ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.
ހިދުމަތުން ވަކިވެގެންދާ ކޮންމެ އޮފިސަރަކީވެސް އިތުބާރުކުރެވޭ ގޮތެއްގައި ޚިދުމަތުން ވަކިވެގެންދާ މީހެއް ކަމުގައި ވުމަކީ، މުޖުތަމަޢުއިން އޮފިސަރުންނާ މެދު ބަހައްޓާ ގަދަރާއި އިއްޒަތް ދެމެހެއްޓުމަށް އެގޮތަށް އަމަލު ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ނިންމާފައިވެ އެވެ.
ދޭތެރެ ދޭތެރެއިން ޑިސިޕްލިނަރީ މައްސަލަތަކުގައި ޕްރިޒަން އޮފިސަރުންވަޒީފާއިން ވަކި ކުރެ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ގަވައިދާ ހިލާފަށް ޖަލަށް އެއްޗެހި ވައްދައިދިނުމުގެ މައްސަލަތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް