އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު 15 ގައި ރާޢްޖެ ވަޑައިގެންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ފަހު މޯދީ ރާޢްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު މޯދީ ލަންކާގައި ހޭދަ ކުރައްވަނީ ތިން ދުވަހެވެ. އިންޑިއާގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި މޯދީ ސްރީލަންކާއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެ ގައުމަށް ވަޑައިގަންނަވާނީ އަންނަ މަހުގެ 13ގަ އެވެ.
އެއަށް ފަހު ރާއްޖެ އާއި މޮރިޝަޝް އަދި ސީޝެލްސަށް އެމަނިކުފާނު ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ. އެގޮތުން ރާޢްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރާޢްޖޭގައި ދެ ދުވަސް ހޭދަ ކުރައްވާނެކަމަށް މައުލޫމާތު ލިބެ އެވެ.
މޯދީގެ ދަތުރުފުޅުގައި ދެ ގައުމުގެ ހާރިޖީ ގުޅުމަށް 50 އަހަރު މިއަހަރު ފުރޭތީ އެކަން ފާހަގަ ކުރުމަށް ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މޯދީ އާ އެކު އެ ދަތުރުފުޅުގައި ކެބިނެޓް ބައެއް މިނިސްޓަރުންނާއި އެ ގައުމުގެ އިސް ފަރާތްތަކެއް ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައިވެ އެވެ.
އެ ދަތުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ރައީސް އަބްދުﷲ ޔާމީނާ އެކު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރައީސް އަބްދުﷲ ޔާމީން ދެއްވި ދައުވަތަށެވެ. ރައީސް ޔާމީން ދައުވަތު ދެއްވީ މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް