އެއްމެދު އިމާރާތްތައް ރަޖިސްޓްރީކުރަން ޕޯޓަލްއެއް ތައާރަފްކޮށްފި

އެއްމެދު އިމާރާތްތަކުގެ ރަޖިސްޓްރޭޝަން މަރުހަލާ ފުރިހަމަކުރުމަށާއި އެއްމެދު އިމާރާތްތައް މެނޭޖްކުރުމަށް ހާއްސަ ސްޓްރާޓާ ޕޯޓަލް ލޯންޗުކޮށްފިއެވެ. ހައުސިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ...

22 Jan 2024 | 13:29

އެއްމެދު އިމާރާތްތަކުގެ ރަޖިސްޓްރޭޝަން މަރުހަލާ ފުރިހަމަކުރުމަށާއި އެއްމެދު އިމާރާތްތައް މެނޭޖްކުރުމަށް ހާއްސަ ސްޓްރާޓާ ޕޯޓަލް ލޯންޗުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި ޕޯޓަލް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ކުރީގެ ހައުސިންގ މިނިސްޓަރު އިބްރާހިމް ރަފީޤް އެވެ.

ހައުސިންގ މިނިސްޓްރީން ބުނީ އެއްމެދު އިމާރާތް ނުވަތަ ސްޓްރާޓާ ސްކީމަކީ އިމާރާތެއް ނުވަތަ އިމާރާތްތަކެއްގައި ހިމެނޭ ޔުނިޓްތައް ވަކިވަކި ފަރުދުންނަށް މިލްކުކުރެވޭ ގޮތެއް ހަދާފައިވުމާއެކު، އެ އިމާރާތް ނުވަތަ އިމާރާތްތަކުގައި ހިމެނޭ އާންމު ތަންތަން ހުރިހާ ޔުނިޓްތަކުގެ މިލްކުވެރި ފަރާތްތަކުގެ މެދުގައި ހިއްސާވެ، އެތަންތަން ހިންގާ ބެލެހެއްޓުން ކަމަށެވެ.

އެގޮތުން، އެފަދަ އިމާރާތުން ޔުނިޓެއް މިލްކުކުރުމުން، އެ ޔުނިޓާއި ގުޅިގެން ވަކި އުސޫލުތަކެއްގެ ދަށުން އިމާރާތް ނުވަތަ އިމާރާތްތައް ހިންގައި ބެލެހެއްޓުމުގެ ޒިންމާ ނުވަތަ ހިއްސާ ލިބިގެން ދާނެ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.

އެ މިނިސްޓްރީން ބުނީ ސްޓްރާޓާ ޕޯޓަލް އަކީ އެއްމެދު އިމާރާތްތައް ރަޖިސްޓްރީކުރުމާއި، އެއްމެދު އިމާރާތްތަކަށް ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭޝަންތައް ރަޖިސްޓްރީކޮށް، ސަރުކާރުން ރެގިއުލޭޓް ކުރުމަށް މަގުފަހިވެގެންދާނެ ޕޯޓަލް އެއް ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމަށްޓަކައި އެ ދާއިރާގެ ކުންފުނިތަކުން ތަރައްގީކުރާ މަޝްރޫޢުތައް އެއްމެދު އިމާރާތްތަކުގެ ގޮތުގައި ރަޖިސްޓްރީކުރުމާއި، ގަނެވިއްކުމާއި އަދި ހިންގާ ބެލެހެއްޓުމާގުޅޭ ކަންކަން މި ޕޯޓަލްގެ ތެރެއިން މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ކުރިމަގުގައި މި ޕޯޓަލް ވެގެންދާނީ މުޅި ރާއްޖޭގެ އެއްމެދު އިމާރާތްތަކުގެ ހުރިހާ މައުލޫމާތުތަކެއް ރެކޯޑް ކުރެވިގެންދާނެ ޕޯޓަލްއަކަށް ކަމަށާއި ސަރުކާރުގެ އިދާރާތަކާއި އަދި އެނޫންވެސް ގުޅުންހުރި ހުރިހާ އިދާރާތަކާއި ގުޅުވާލެވިގެން އެކަމާ ގުޅުންހުރި ހުއްދަތައް ދޫކުރެވިގެންދާނެ ޕޯޓަލަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް