ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މިއަހަރު ދޭން ޖެހޭ ފައިސާގެ ގޮތުގައި 44 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީ އިން ވަނީ އެ ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 2024 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެމްބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން ދޫކުރުމަށް ހަމަޖެހިފައިވާ 44,099,905 ރުފިޔާ ބެހިފައިވާ ގޮތުގެ ތަފްސީލު އާންމުކޮށްފައެވެ.
އެއް ޕާޓީއަކަށް އެންމެ ގިނަ ފައިސާ ލިބޭ ޕާޓީއަކީ އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެ ޕާޓީގައި 52,142 މެމްބަރުން ތިބި އިރު، 15,101,580.43 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދެން އެންމެ ގިނައިން ފައިސާ ލިބެނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށެވެ. އެ ޕާޓީގައި 36,223 މެމްބަރުން ތިބި އިރު،10,491,054.20 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި 28,201 މެމްބަރުން ތިބި އިރު، އެ ޕާޓީއަށް ދޭން ހަމަޖެހިފައިވަނީ 8,072,689.58 ރުފިޔާއެވެ. ޖުމްހޫރީ ޕާޓީގައި 18,349 މެމްބަރުން ތިބި އިރު، އެ ޕާޓީއަށް 5,314,312.83 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެންމެ މަދުން ލިބެނީ އަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށެވެ. އަދާލަތު ޕާޓީގައި 8,796 މެމްބަރުން ތިބި އިރު، އެ ޕާޓީއަށް 2,547,533.69 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެމްޑީއޭގައި 8,555 މެމްބަރުން ތިބި އިރު، އެ ޕާޓީއަށް ދޭން ހަމަޖެހިފައިވަނީ 2,477,734.28 ރުފިޔާއެވެ.
އެ ފައިސާ ދޫކުރަން ފަށާނެ ދުވަހެއް އީސީ އިން އިއުލާން ކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް