ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަކީ މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އެންމެ އިސް ޒިންމާއަށް ވާން ޖެހޭ: އިހުސާން

ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަކީ މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އެންމެ އިސް ޒިންމާއަށް ވާން ޖެހޭކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖ...

22 Jan 2024 | 10:33

ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަކީ މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އެންމެ އިސް ޒިންމާއަށް ވާން ޖެހޭކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒުކުރުމުގައި ގުޅިފައިވާ މުވައްސަސާތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދެމެގަތުމަށާއި ގޮންޖެހުންތައް ހައްލުކުރުމަށް އެ މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ޔުނިސެފް އާއި ގުޅިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޖުވެނައިލް ޖަސްޓިސް ސިމްޕޯސިއަމް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގެ ތުއްތު ކުދިންނަކީ ތަކުރާރުކޮށް ކުށަށް ހުށަހެޅި، ކުށުގެ މާހައުލުގައި އެކްސްޕްލޮއިޓް ކުރެވި، ކުށުގެ ވެށީގައި އެމީހުންގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން އަންނަ މާހައުލެއް އޮތް ގައުމެއް ކަމަށެވެ.

2019 ވަނަ އަހަރު އުފެދިގެން އައި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުދިންނަށް ވަކި ބާވަތެއްގެ ރައްކާތެރިކަން ފޯރުކޮށްދޭކަން ކަށަވަރުވާތީ އެކަން އެކްސްޕްލޮއިޓްކުރަމުން އަންނަ މީހުން ރާއްޖޭގެ މާހައުލުގައި އެބައުޅޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

ރާއްޖޭގެ ގާނުނުތަކަކީ އެހާ ބާރުމިނުގައި އެޑެޕްޓް ވެގެން އަންނަ ގާނޫނުތަކެއް ނޫންކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ 2019 ވަނަ އަހަރު އުފެދިގެން އައި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް މިހާތަނަށް އައިސްފައިވަނީ އެންމެ އިސްލާހެއް ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންގެ ގާނޫނު ތަންފީޒުކުރާ ހުރިހާ މުވައްސަސާތަކުން މި ދައްކުވައިދެނީ ޑޭ އެންޑް ނައިޓް މި ގާނޫނުގައި ހުރި އިސްލާހުކުރަން ޖެހޭ ކަންތައްތަކުގެ ވާހަކަ. މިކަމަށް އިސްލާހު ގެނައުމަކަށް އިސްކަމެއް ނުދެވެ." އޭގެ ނަތީޖާއެއްގެ ގޮތުން ކަމާ ބެހޭ ފަރާތްތަކަށް ވުރެ، ކުށްކުރާ މީހުން އެޑެޕްޓް ވެގެން އަންނަ ސްޕީޑު އަވަސް ކަމަށް އިހުސާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކޮންމެ ދިމާލެއްގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފަކީ މި ގާނޫނަށް ކޮންމެސް އިސްލާހެއް ނައިސްގެން އަޅުގަނޑުމެންގެ ޒިންމާ އަދާނުކުރެވިގެން ނުވަތަ ސީދާ އަޅުގަނޑުމެންނާ ގުޅުން ހުރި ކޮންމެސް ކުއްޖެއް އާއިލާގެ ކުއްޖެއް މީގެ ތެރެއަށް ހުށަހެޅިގެން ސަލާމަތް ނުވެވިގެން އުޅޭ މީހުން. އެހެން ނަމަވެސް އަޅުގަނޑުމެންގެ ޒިންމާ އަދާކުރަން ލިބޭ ވަގުތު އެކަން ނުކުރެވިފައި މިއޮންނަނީ." އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މިފަދަ ސިމްޕޯސިއަމްތަކުން އެދެވޭ ނަތީޖާތައް ނެރުމަށް އަބަދުމެ މަސައްކަތް ނުކުރެވޭ ކަމަށް ވާނަމަ އޭގެ އެއްވެސް ބޭނުމެއް ނުހިފޭނެ ކަމަށެވެ.

އިހުސާން ވިދާޅުވީ މި ސިމްޕޯސިއަމް ނިމޭ އިރުގައި ނެރެވޭ އެކްޝަން ޕްލޭން އަކީ ސީމްލެސްކޮށް ދައުލަތުގެ އޮގަނައިޒޭޝަންތައް ވޯކް ކުރެވޭ ކަހަލަ އެކްޝަން ޕްލޭން އަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ކުދިންގެ ހައްގުތައް ކަށަވަރުކުރުމަކީ މި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އެންމެ މަތީ ޒިންމާ ކަމަށް ދެކިގެން އެކަން އިސްކޮށް، ކަންކަން ހިންގާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

މި ސިމްޕޯސިއަމްގައި ޔުނިސެފުން ވަނީ ކުޑަކުދިން ރިހެބިލިޓޭޓްކޮށް، މުޖުތަމައުތަކަށް އަލުން ގުޅި، މުޖުތަމައުގެ ޒިންމާދާރު ބަޔަކަށް ވުމަށް ބާރުދޭ ހެޔޮ ސިކުނޑިއަކަށް ބަދަލުކޮށްދޭ ނިޒާމެއްގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ޔުނިސެފުން ވަނީ ޑައިވާޝަން ޕްރޮގްރާމްތަކާއި، ކޮމިއުނިޓީ އެންގޭޖްމަންޓާއި، ލެޖިސްލޭޓިވް ސަޕޯޓާއި، އާލީ އިންޓަވެންޝަން އަދި އެޑިއުކޭޝަން ގެ ޒަރިއްޔާއިން މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް