ޕީއެންސީ ޕްރައިމަރީއަށް ކުރިމަތިލި އެންމެންނަށް ފުރުސަތު ދޭން ރައީސް ނިންމަވައިފި

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީއަށް ކުރިމަތިލި އެންމެނަށް ފުރުސަތު ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން ހާމަކުރައްވާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެކް...

22 Jan 2024 | 10:01

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީއަށް ކުރިމަތިލި އެންމެނަށް ފުރުސަތު ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް،ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށެވެ.

ބައެއް މެމްބަރުންނަށް ޕްރައިމަރީގައި ބައިވެރިނުވެވޭނެކަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންގަން ފަށާފައިވަނީ އިއްޔެއެވެ. ޕްރައިމަރީއަށް ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވާ، ޕާޓީގެ ޓިކެޓު ހަވާލުނުކުރާނެ ކަމަށް ބުނެ ބައެއް މެމްބަރުންނަށް ފޮނުވާފައިވާ ސިޓީގައި ސޮއިކުރައްވާފައިވަނީ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމެވެ.

އެކަން އަންގާ، ބައެއް ކެނޑިޑޭޓުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ކެނޑިޑެސީ ބަލައި ނުގަންނަން ނިންމީ ޕާޓީ ބައިބައިކޮށް ފިތުނަ އުފެދޭ ގޮތަށް މަސައްކަތް ކޮށްފައިވާތީ ކަމަށެވެ. ބައެއް އެހެން ކެނޑިޑޭޓުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދީފައި ނުވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ޖަނަވަރީ 2024 ވާ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް