އިންފްލުއެންޒާ ޖެހިގެން ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނީ އިންފްލުއެންޒާ ޖެހިގެން މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ ނިޔާވެފައި ވަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދަނިކޮށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
މިއީ އިންފްލުއެންޒާ ޖެހިގެން މި މަހުގެ ތެރޭގައި މަރުވި ދެވަނަ މީހާއެވެ.
އިންފްލުއެންޒާއަށް މި އަހަރުގެ މިހާތަނަށް 19 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތުދެއެވެ.
އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މިހާތަނަށް ޖުމްލަ 154 މީހަކު ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައެވެ.
އެޗްޕީއޭ އިން ބުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، 2024 ވަނަ އަހަރު މިހާތަނަށް އިންފްލުއެންޒާއަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
އިންފްލުއެންޒާ އަދި ކޮވިޑް އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ ފަރާތްތަކުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ހުން އައިސް، ރޯގާ ޖެހި 3 ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، ނޭފަތުން ފެން އައުން ނުވަތަ ނޭފަތް ބެދުން، ކެއްސުން، ކަރުގައި ރިއްސުން، ބޭރަށް ހިނގުން، ހުން އައުން، ވަރުދެރަވުން އަދި ގައިގައި ރިހުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް