މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ލޮލަށް ނުފެންނަ މީހުން އަމިއްލައަށް ވޯޓުލާން ބޭނުންނަމަ ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ލޮލަށް ނުފެންނަ މީހުންނަށް އަމިއްލައަށް ވޯޓުލެވޭ ގޮތަށް، އެމީހުންނަށް ހާއްސަކޮށްގެން ޕްލާސްޓިކް ޓެމްލޭޓެއް ހަދާ ބޭނުންކޮށްފައިވަނީ މިދިޔަ ރިޔާސީ އިންތިހާބުގައެވެ. އޭގެ ކުރިން އެފަދަ މީހުން ވޯޓުލަމުން އައީ މީހެއްގެ އެހީތެރިކަމާ އެކުގައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، އެ ފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފައިވާ ކަމަށެވެ.
އެގޮތުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތައް 4 ފެބްރުވަރީ 2024 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، 1414 އަށް ގުޅުއްވައި ރަޖިސްޓަރީކުރުމަށް އީސީން އެދެއެވެ.
1414 ގެ ޚިދުމަތްދޭ ވަގުތުތަކަކީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް