ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސުން އާންމުކޮށް ހުޅުވާލައިފިއެވެ. ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަމުގައިވުމާއި، އުމ...

22 Jan 2024 | 01:38

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސުން އާންމުކޮށް ހުޅުވާލައިފިއެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން ހިމެނެއެވެ. އޭގެއިތުރުން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާގެ އިތުރުން އިސްކޮޅާއި ހަށިގަނޑުގެ ރޫފައަށް ބެލޭނެއެވެ. އަދި، އުމުރުފުރާ ބަލާނީ 2024 ފެބްރުވަރީ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓު www.defence.gov.mv އަދި އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓު ހުށަހަޅަން ޖެހޭނެއެވެ. ވަޒީފާއަށް އެދޭ ފޯމު 2024 ފެބްރުވަރީ 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްތަކުންނާއި ޑިފެންސް މިނިސްޓްރީން ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، އީމެއިލް މެދުވެރިކޮށް ވެސް ފޯމް ހުށަހެޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅާނީ [email protected] އަށެވެ. އީ މެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމް ވުޒާރާއަށް ލިބުނުތޯ ބެއްލެވުމަށް 7522601 މެސެޖްކޮށްދެއްވުން ޑިފެންސުން އެދެއެވެ.  މެސެޖް ފޮނުއްވާ ފަރާތްތަކަށް ފޯނުން ޖަވާބު ދެވޭނެކަމުގައި ބުނެފައިވެއެވެ.

ސިފައިންގެ ވަޒީފާއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު، ފޯނު ނަމްބަރު 3035830 ، އަދި އެމްއެންޑީއެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބެން ހުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް