ކޯވިޑް ފެތުރޭތީ އަރައި ފޭބުން މަނާކޮށް މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ އަދަދު ހަތަކަށް އަރައިފި އެވެ.
ރަށެއް މޮނިޓަރިންއަށް ލަނީ ޕޮސިޓިވް މީހެއްގެ ކޮންޓެކްޓުންގެ ފަރާތުން އިތުރު ބަޔަކަށް ބަލި ޖެހި ނުވަތަ ރެންޑަމް ސާމްޕަލްތަކެއް ގިނައިން ޕޮސިޓިވްވާން ފަށައިފި ނަމަ އެވެ. ގިނ ރަށްތަކެއް މޮނިޓަރިންއަށް ލަމުން މިދަނީ އޮމިކްރޯން ވޭރިއަންޓު ރާއްޖޭގެ އެކި ހިސާބުތަކުގައި ފެތުރިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވަނިކޮށެވެ.
އެ އިދާރާއިން ބުނީ މިއަދު މިހާތަނަށް މޮނިޓަރިންއަށް ލާފައިވަނީ، ހދ. ކުޅުދުއްފުށި ސިޓީ، ށ. ކަނޑިތީމު، ބ. ގޮއިދޫ، ޅ. ކުރެންދޫ، ވ. ކެޔޮދޫ، ލ. ހިތަދޫ، އަދި ދަނބިދޫ އެވެ. މީގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި ކޯވިޑް ޖެހިފަ ތިބި180 މީހުން އެބަތިއްބެވެ.
އެޗްޕީއޭއިން ބުނީ މި ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް ކޮންޓްރޯލް ކުރުމަށް ކަމަށެވެ. އަދި މޮނިޓަރިންގެ ހާލަތުގައި އޮންނަ އިރު މި ރަށްތަކަށް އެޗްޕީއޭގެ ހުއްދަނެތި އަރައި ފޭބުން މަނާކަމަށެވެ.
މިހާރު މޮނިޓަރިންގެ ހާލަތުގައި23 ރަށެއް އެބަ އޮތެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ކ. މާފުއްޓެވެ.
އެ ރަށް މޮނިޓަރިންއަށްލީ މިދިޔަ ޑިސެމްބަރު30 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް