އޭޑީކޭގެ ބައެއްސިއްހީ ހިދުމަތްތެރިންނަށް ކޮވިޑު ޖެހި، ގިނަ ހިދުމަތްތެރިންތަކެއް ކަރަންޓީނުވާންޖެހިފައިވާތީ ބައެއް ހިދުމަތްތަކަށް ބުރޫއަރާފާނެކަމުގައި އޭޑީކޭއިން ބުނެފިއެވެ.
އޭޑީކޭއިން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކޮވިޑު ހަލުވިކަމާއެކު ފެތުރެމުންމިދާ ދަނޑިވަޅުގައި ސިއްހީ ހިދުމަތްތެރިންވެސް ކޮވިޑަށް ފައްސިވެ، ކްލަސްޓާތައް ބޮޑުވަމުންދާކަން ފާހަގަކުރެވޭކަމަށެވެ.
"ގިނަ އަދަދެއްގެ މުވައްޒަފުން ކަރަންޓީނުކުރަންޖެހި އަދި ފައްސިވުމުގެ ސަބަބުން އޮއިސޮލޭޝަނަށް ދާންވަނީ ޖެހިފައި" އޭޑީކޭއިން ބުނެފައިވެއެވެ.
އޭޑީކޭއިން ބުނެފައިވަނީ މިފަދަ ދަނޑިވަޅެއްގައި ބައެއް ހިދުމަތްތަކަށް ބުރޫއެރުމަކީ އެކަަށީގެންވާކަމެއް ކަމަށާއި މަސައްކަތް ކުރަމުންދާނީ ބުރޫނާރާނެފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައިގެން ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
"ހިދުމަތް ހޯދަންޖެހޭ މީހުންގެ އަދަދު ގިނަވެ، ސިއްހީ ހިދުމަތްތެރިންނަށް ބުރަބޮޑުވެފައިވާ މި ހައްސާސް ދަނޑިވަޅުގައި، ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަންޖެހެނީ އަޅުގަނޑުމެންގެ އިހުލާސްތެރި، ހީވާގި މުވައްޒަފުން އެ މުވައްޒަފުންގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށާއި ހޮސްޕިޓަލުގެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި އަތުކުރި އޮޅާލައިގެން ތިބިކަން" އޭޑީކޭއިން ބުނެފައިވެއެވެ.
އެ ހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ މިހާލަތުގައި އެންމެ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭޏުންވާކަމަށާއި އެގޮތުން ކޮންމެހެން ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ވަޑައިނުގަތުމަށް އެދޭކަމަށެވެ. އަދި އެފަދަ ހާލަތެއްގައިވެސް ރަނގަޅު ގޮތުގައި މާސްކު އަޅުއްވާ ގިނަގިނައިން ސެނިޓައިޒަރ ބޭނުންކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން ވެކްސިންގެ ދެ ޑޯޒް ޖައްސަވައި ބޫސްޓަރ ޑޯޒް ޖެއްސެވުމަށާއި ކޮވިޑުގެ އަލާމާތެއް ހުރިނަމަ ވީހާވެސް އަވަހަކަށް ކަރަންޓީނު ނުވަތަ އައިސޮލޭޓްވާންޖެހޭނަމަ އެކަންވެސް ކުރެއްވުމަށް އޭޑީކޭއިން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް