އުރީދޫ މޯލްޑިވްސް ޕލކ އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.
23 ޑިސެންބަރު 2021 ވީ ބުރާސްފަތި ދުވަހު ވެސް މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއެވެ.
އުރީދޫއިން ބުނެފައިވަނީ އުރީދޫ މޯލްޑިވްސްގެ ބޯޑުގެ ޑިރެކްޓަކަށް ވުމަށާއި އެކުންފުނީގެ މުސްތަޤްބަލުގެ ހިއްސާއަކަށްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާފައިވާ ހުރިހާ ފަރާތްތަކަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށާއި އަދި، ކުންފުނީގެ ކަންކަމުގައި ހިއްސާދާރުންގެ ފަރާތުން ދެއްވާ އެހިތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަަމަށެވެ.
"މި ކުންފުންޏަކީ ޕަބްލިކް ލިސްޓެޑް ކުންފުންޏަކަށް ވާއިރު އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ ކަމަކީ ހިއްސާދާރުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރުމާއި، ހިއްސާދާރުންނާ ގުޅޭ ހުރިހާ ކަމެއްގައި އެންމެހައި ހިއްސާދާރުންނަށް ހަމަހަމަ ފުރުޞަތުތައް ފޯރުކޮށްދިނުމަށް ކުންފުނީގެ މަސައްކަތްތައް ބައްޓަންކޮށް ކުރިއަށް ގެންދިއުމެވެ. ދިވެހިރާއްޖޭގައި ކޮވިޑް-19 މިހާރު ފެތުރެމުންދާ މިންވަރަށް ބަލައި، ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް ކުރިމަތުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައި ހިއްސާދާރުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިފާއިރު، ފޯމު ހުށަހަޅަންޖެހޭ ވަގުތު ފާއިތުވިއިރު، ބައެއް ހިއްސާދާރުން ހުށަހަޅުއްވާފައިވާ ފޯމާއެކު ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުޅަހަޅުއްވާފައި ނުވާއިރު، އަނެއްބައި ފަރާތްތަކަކީ މަގާމުގެ ޝަރުތުތައް ހަމަނުވާ ފަރާތްތައްކަމުގައި ދަންނަވަމެވެ. " އުރީދޫއިން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު އެ ކުންފުނިން އަލުން ހުޅުވާލާފައިވާ ކަަމަށާއި އަލަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުގެ މަޤްޞަދަކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ފުރިހަމަކޮށްފައިވާ ފޯމެއް ހުށަހެޅުމުގެ ހަމަހަމަ ފުރުޞަތު އެ ކުންފުނީގެ އެންމެހައި ހިއްސާދާރުންނަށް ފޯރުކޮށްދިނުމެވެ. މި ފުރުޞަތު ހުޅުވާލުމާއެކު، ތަފާތު އެކި ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ، ހުނަރުވެރި ގާބިލު ބޭފުޅުން މި މަގާމަށް ކުރިމަތިލައްވާނެކަމަށް އެކުންފުނިން އުންމީދުކުރާކަމުގައިވެސް ބުނެފައިވެއެވެ.
އުރީދޫއިން ބުނެފައިވާގޮތުގައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 27 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 (ސާދަ ގަޑި ސުން މިނެޓު) އެވެ. އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ހ.ސަންލީޓު (6 ވަނަ ފަންގިފިލާ)، ބޮޑުތަކުރުފާނު މަގު، މާލެ އަށެވެ. އަދި ފޯމު އީމެލް ކުރައްވާނަމަ، [email protected] އަށް އީމެއިލްކުރެއްވުން އެދެއެެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ނުވަތަ ނުވަތަ މި "ލިންކް" އިން ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް