އަންނަ މަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް ފެށެން ހަތް ދުވަސް ކުރިންނާއި ކުޅިވަރުތައް ނިމި ހަފްތާއެއްގެ މުއްދަތަށް ހުރިހާ ހަނގުރާމައެއް ހުއްޓާލަން ޖެހޭ ގޮތަށް ފާސްކޮށްފައިވާ އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް އިހުތިރާމުކުރުމަށް އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
އޮލިމްޕިކް ޓްރޫސް ނުވަތަ އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަކީ އޮލިމްޕިކް ގޭމާ ގުޅިގެން 18 ވަނަ ގަރުނުގައި ގްރީކްގައި ތައާރަފު ކުރި އޮލިމްޕިކް ގޭމްސްގެ މުހިންމު އަސާސެކެވެ. އެ އާދަ ދިރުވުމަށް 1992 ގައި ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީން ގޮވާލިއިރު މި އެއްބަސްވުމުގައި ގޮވާލަނީ އޮލިމްޕިކް ގޭމްސް ނިމެންދެން ހަނގުރާމަ އަދި ހަމަނުޖެހުންތަކުން ބަރީއަވާށެވެ.
އެހެންވެ، 1993 ގައި ފާސްކުރީ އޮލިމްޕިކް ފެށުމުގެ ހަތް ދުވަސް ކުރިންނާއި ކުޅިވަރުތައް ނިމި ހަތް ދުވަސް ވަންދެން އެއްވެސް ގައުމެއްގައި ހަނގުރާމަ ނުކުރުމަށެވެ.
ޝާހިދު ވިދާޅުވީ ކުޅިވަރަކީ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާ 2030 ގައި ފާހަގަކޮށްފައިވާއިރު އަމާންކަމާއި ތަރައްގީ ހާސިލް ކުރުމުގައި ކުޅިވަރުގެ ދައުރު އިތުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުޅިވަރުން ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމަށާއި، އަދި ވަކިވަކި ފަރުދުންނަށާއި، މުޖުތަމައުގެ ބައިވެރިވުން ފުޅާވުމުގައި ކުޅިވަރުގެ ދައުރު އިތުރުކަން ފާހަގަކުރެއްވި އެވެ.
އޮލިމްޕިކް ހަރަކާތުން ކުޅިވަރުގެ ރަނގަޅު ސިފަތައް އިންސާނިއްޔަތަށް ފޯރުކޮށްދޭ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުޅިވަރު ކުޅޭ އެކި ފަރާތްތައް އެއްތަނަކަށް އެއްވެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ އަމާން ދުނިޔެއެެއް ގާއިމުކުރުމަށް އެހީވެދޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. މިއީ އދ. އުފެދުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޝާހިދު ވިދާޅުވީ ކުޅިވަރާއި އޮލިމްޕިކްގެ ޒަރީޢާއިން ޞުލްޙައާއި އިންސާނުންގެ ވިސްނުމާއި ފިކުރު ކުރިއެރުވުމަށް އޮލިމްޕިކް އަދި ޕެރަލިމްޕިކް އެތުލީޓުން ގެ ލީޑަރޝިޕުން ކުރާ މަސައްކަތަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ޞުލްޙައާއި ހަމަނުޖެހުން ޙައްލުކުރުމަށާއި، ކުޅިވަރުގެ ޒަރީޢާއިން އޮލިމްޕިކް އަދި ޕެރަލިމްޕިކް ވެލިއުސް ކުރިއެރުވުމަށް ޤައުމީ އަދި ބައިނަލްއަޤްވާމީ ޕްރޮގްރާމްތައް އެކުލަވާލުމަށް އ.ދ.ގެ އެކި ޤައުމުތަކުން ދެއްވާ އަހަންމިއްޔަތަށްވެސް މަރުހަބާ ކިޔާ ކަމަށް ވިދާޅުވި އެވެ.
ޝާހިދު، އދ. ގެ މެމްބަރު ގައުމުތަކުގައި އެދިވަޑައިގަތީ އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ދޭ އަހައްމިއްޔަތުކަން ދައްކައި ދިނުމަށާއި، މި ޓްރޫސްގެ މައްޗަށް ބިނާކޮށް ސުލްހަ އާއި އަމާންކަމުގެ ސަގާފަތެއް ކުރިއެރުވުމަށާއި، އަދި އެ ސަގާފަތް އިތުރަށް ހަރުދަނާ ކުރުމަށް، ގައުމީ، ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށެވެ.
ޝާހިދުގެ ގޮވާލެއްވުމަކަށްވީ ގަދީމީ ޒަމާނުގައި އަސްލު އޮލިމްޕިކް އެއްބަސްވުމުގައި ހިމެނިފައިވާ ކަންކަމަށް ރިޢާޔަތްކޮށް ފާސްކޮށްފައިވާ ސުލްހައިގެ ޤަރާރުގައިވާ ގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަތިޔާރާ އެކު މިހާރު ހިނގަމުންދާ ހަނގުރާމަތައް ހުއްޓާލުމަށާއި ސުލްހަވެރިކަމާ އެކު މައްސަލަ ހައްލުކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް