ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރައްވާ ހިތްވަރަށްޓަކައި ދިވެހި ރައްޔިތުން ސެލިއުޓް ކުރުން ހައްޤުކަމުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕޭން ޓީމުން ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަަފުޅު ދައްކަަވަމުންނެވެ.
އަދުރޭ ވިދާޅުވީ ޤައުމުގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަންކަން ފެންނަމުންދާއިރު މިނިވަންކަމުގެ ދިފާއުގައި ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖެއްސެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމުގައެވެ.
އަދުރޭ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަން ގޮވާލައި ރައީސް ޔާމީން ފާޅުގައި ނުކުންނެވީ އެކަމުގެ ސަބަބުން އަނެއްކާވެސް ޖަލަށް ދާން ޖެހިދާނެތީ އެއްވެސް ޖެހިލުންވުމެއް ނެތި ކަމުގައެވެ.
މީގެ އިތުރުން އަދުރޭ ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީން އަކީ އަމިއްލަ ފުރާނަފުޅު އަތްމައްޗަށް ލައިގެން ނުކުމެ ޤައުމުގެ ހައްޤުގައި ހުންނެވި އެފަދަ ދެވަނަ ބޭފުޅަކު ނެތް ފަދަ ރައްޔިތުން ފަހުރުވެރިވާން ޖެހޭ ލީޑަރެއް ކަމުގައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅޭގޮތުން އަދުރޭ ވަނީ އިންތިހާބުގައި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓް ބަލިކޮށް އަޅުވެތި ކަމަށް ނޫނެކޭ ބުނުމަށް ގޮވާލައްވާފައި ވެއެވެ.
އެ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމް އާއި، އެމްއެންޕީ އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުންވެސް ކެނޑިޑޭޓަކު ވާދަކުރެއެވެ.
ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ވޯޓުލުން ކުރިއަށް ގެންދާނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް