އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ދެމަފިރިން ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދައިފި އެވެ.
މިކަން ރަސްމީކޮށް އިއުލާނު ކުރީ ޕްރިޔަންކާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އެވެ.
ޕްރިޔަންކާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސަރޮގޭޓް ކޮށްގެން ދަރިއަކު ހޯދިކަން އުފަލާއި އެކު އިއުލާނު ކުރާ ކަމަށެވެ. އަދި މިވަގުތު އާއިލާއަށް ޕްރައިވަސީ ދިނުމަށް އިތުރު ސުވާލުތަކާއި ވާހަކަތައް ނުދެއްކުމަށް އެދިފައިވެ އެވެ.
ލިބުނީ ކޮން ކަހަލަ ކުއްޖެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ޕްރިޔަންކާގެ ޕޯސްޓަށް އިންސްޓަގްރާމްގެ އިތުރުން އާލިއާ ބަޓާއި ކެޓްރީނާ ކެއިފް ވަނީ މަރުހަބާ ކިޔައި ކޮމެންޓުކޮށްފަ އެވެ. އަދި ބޮލީވުޑާއި ހޮލީވުޑާއި ދުނިޔޭގެ މަޝްހޫރު ފަރާތްތަކުން ދަނީ ނިކް އަށާއި ޕްރިޔަންކާއަށް މަރުހަބާ ކިޔަމުންނެވެ.
https://www.instagram.com/p/CZAJvizvjf4/
ޕްރިޔަންކާ މީގެ އަހަރެއްހާ ދުވަސް ކުރިން ބުނެފައިވަނީ ދަރިއަކު ހޯދުމުގައި ދެމީހުން ދުރާލާ ރާވައިގެން ކުރާނެ ކަމެއް ނެތް ކަމަށާއި ބަލިވެ އިނދެއްޖެ ނަމަ އެ ދަރިފުޅު ހޯދާނެ ކަމަށެވެ.
ސަރޮގޭޓްކޮށްގެން ދަރިން ހޯދުމަކީ ދަރިފަނި އުފެދުމުން އެ ފަނި ނަގައި އެހެން މީހެއްގެ ރަހީމުގައި އަށަގަންނުވައިގެން އެމީހާ ވިހެއުމެވެ. އާންމުންކޮށް ސަރޮގޭޓްކޮށްދޭ އަންހެނުން އެކަމަށް އެއްބެސްވަނީ ވަރަށް ބޮޑު އަގުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް