ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމަށް މި މަހުގެ އަށްވަނަ ދުވަހު ގައި ބީއެމްއެލް އިން ތައާރަފް ކުރި އޮންލައިން ބުކިންގ ނިޒާމު މެދުވެރިކޮށް ދަތުރުވެރިންނަށް އެއްމިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ދަތުރުވެރިންނަށް އެއްމިލިއަން ޑޮލަރު ދޫކުރުމުގެ ލަނޑުދަނޑި ހާސިލްވުން ފާހަގަކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވަނީ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުހައްމަދު ޝައިނީ ބައިވެރިވެވަޑައިގެންނެވިއެވެ.
ބޭންކުން ހާމަކުރިގޮތުގައި މިދިޔަ ދެހަފްތާގެ ތެރޭގައި ބޭންކުންވަނީ 2500 ދަތުރުވެރިންގެ ބުކިންގ އަށް ޖުމްލަ އެއް މިލިއަން ޑޮލަރު ދޫކޮށްފައެވެ. މި އާ ނިޒާމަކީ ބޭނުން ކުރަން ފަސޭހަ އަދި އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ނިޒާމެއްކަމަށް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
އާ ނިޒާމުގެ ދަށުން، ބޭންކުގެ އޮންލައިން ޕޯޓަލް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޑޮލަރު ބުކިން ހެދޭނެ ކަމަށާއި އަދި ފުރަން ގޮސް އެއަރޕޯޓްގެ ޑިޕާޗަރ ގޭޓް ހަތަރެއްގެ ކުރިމަތީގައި ޑޮލަރު ދޫކުރުމަށް ޚާއްސަކޮށްފައިވާ ކައުންޓަރުން ޑޮލަރު ނެގޭނެ ކަމުގައި ބީއެމްއެލް އިން ހާމަކުރެ އެވެ. އޮންލައިންކޮށް ބުކިންގ ނުހެދޭ ފަރާތްތަކަށް، އެއަރޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށާއި އަދި ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައިވެސް އިސްކަން ދެވޭނެ ކަމުގައިވެސް ބީއެމްއެލް އިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް