އެމްޑީޕީގެ ދަފްތަރުން އެޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީގެ ނަން އުނި ކުރި މައްސަލައިގަ އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް އޭނާ ދައުވާ ކޮށްފި އެވެ.
އަލްހާން އެމްޑީޕީން ވަކޮށްފައިވަނީ އެ ޕާޓީ ބަދުނާމުވާ ގޮތަށް ވާހަކަދައްކައި މަސްލަހަތު ނަގާލާގޮތަށް އަމަލު ކުރާތީ ކަމަށް ބުނެ އެމްޑީޕީން އޭނާ ޕާޓީން ވަކިކޮށްދިނުމަށް އެދި އީސީއަށް ހުށަހެޅުމުންނެވެ. އެކަމަކު އަލްހާން އެކަން ދޮގު ކުރައްވަ އެވެ.
އަލްހާން އީސީއާއި ދެކޮޅަށް ކޮށްފައިވާ ދައުވާގައި އެދިފައިވަނީ އަލުން އެމްޑިޕީގެ ދަފްތަރުގައި އޭނާގެ ނަން ހިމަނައި ދިނުމަށް އަމުރުކޮށް ދިނުމަށެވެ. އަލްހާންގެ ދައުވާގައި ބުނެފައިވަނީ އޭނާގެ ނަން ޕާޓީގެ ދަފްތަރުން ކޮމިޝަނުން އުނި ކުރީ އޭނާ ޕާޓީން ވަކި ކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމި ނިންމުން އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް ކަމަށެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެ މައްސަލާގައި ސުލްހަވެރި ހައްލެއް ލިބޭތޯ ޑިސްޕިއުޓް ރިޒޮލިއުޝަންގައި މިއަދު ފުރަތަމަ ބައްދަލުވުން ބޭއްވުމުން އިލެކްޝަންސް ކޮމިޝަނުން އެދުނީ ޖަވާބުދާރީވާން އިތުރު ފުރުސަތެއް ދިނުމަށެވެ. އެހެންވެ، މިއަދުގެ ބައްދަލުވުން ނިންމާލީ އެ ފުރުސަތު ކޮމިޝަނަށް ދިނުމަށެވެ.
އަލްހާން އެމްޑީޕީން ވަކިކޮށްފައިވާކަން އީސީން އެމްޑީޕީއަށް އެންގީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައި އެވެ.
އަލްހާން ވަނީ އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ އިންތިޚާބު ބާއްވަން އެ ޕާޓީ އަށް އަމުރު ކޮށްދޭން އެދި ސިވިލް ކޯޓުގައި ކުރިން ދައުވާ ކޮށްފަ އެވެ. އެކަމަކު ކޯޓުން މިދިޔަ މަހު ނިންމީ އަލްހާން އަކީ ޕާޓީގެ މެމްބަރަކަށް ނުވާތީ ދައުވާ ކުރުމުގެ ހައިސިއްޔަތު އޭނާ އަށް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް