ރާއްޖޭގެ ސިޔާސީ މަޝްރަހު ކުރިޔަށްދާ ގޮތަށް ބަލައި ހަމައެކަނި އޮތް ގޮތަކީ ކުރިޔަށް އޮތް ރިިޔާސީ އިންތިހާބުގައި އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާއަށް ވަޑައިގެން ހުންނެވި ނަޝީދު އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިހާރު މަސައްކަތް ކުރައްވަނީ އިންސާފުވެރި އިންތިހާބަކަށް މަގުފަހިވާނެ ގޮތެއް ހޯދުމަށް ކަމަށެވެ.
އެގޮތުން އިދިކޮޅު ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމަށް އިސްކަންދެއްވާކަމަށާއި އެނޫން ގޮތަކަށް ގައުމު ހަމަ މަގަށް ނޭޅޭނެ ކަމަށެވެ. ނަޝީދު ވިދާޅުވީ ސަރުކާރު ވައްޓާލަން މަސައްކަތްނުކުރާ ކަމަށެވެ.
އިތުރަށް ވިދާޅުވެފައިވަނީ ނުރައްކަލެއް ނެތި ރާއްޖެއަށް ވަޑައިގެންނެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެއީ ދުވަހަކު ވެސް ވާނެ ކަމެއް ނޫން ކަމަށާއި ރާއްޖެ ވަޑައިގަންނަވާ ނަމަ ޖެހިވަޑައިގަންނަވާނީ އެ ނުރައްކަލާ ކުރިމަތިލެއްވުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިނގަމުންދާ ކަމަށް އެ އިންޓަވިއުގައި ނަޝީދު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާ ކަމަން ފާހަގަ ކުރައްވާ ނަޝީދު ވަނީ އެއާޕޯޓު ތަރައްގީ ކުރަން ޖީއެމްއާރާއެކު ހެދި އެއްބަސްވުން ބާތިލްކޮށް، ވަކި ކުންފުންޏަކަށް ފައިދާވާ ގޮތަށް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމުގެ ތުހުމަތު ކުރައްވާފައި އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދު ކުރި މައްސަލައިގައި 13 އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުންނެވި ނަޝީދު ރާއްޖެ އިން ބޭރަށް ވަޑއިގަތީ ބޭސް ފަރުވާ އަށެވެ. އެކަމަކު އެނބުރިވަޑައިނުގެން އެ މަނިކުފާނު ވަނީ އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް