ހަނިމާދޫ އާއި ފަރެސްމާތޮޑާގައި ހިންގި ރެޑީ ކޭމްޕް ނިންމާލައިފި

ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ހދ. ހަނިމާދޫއާއި ގދ. ގައްދޫގައި ފުލުހުން ހިންގި ރޭޑީ ކޭމްޕު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ހދ. ހަނިމާދޫ އާއި ގ...

22 Jan 2017 | 06:45

ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ހދ. ހަނިމާދޫއާއި ގދ. ގައްދޫގައި ފުލުހުން ހިންގި ރޭޑީ ކޭމްޕު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ހދ. ހަނިމާދޫ އާއި ގދ. ފަރެސްމާތޮޑާގައި ޖެނުއަރީ މަހުގެ 19 ން 21 އަށް ކުރިއަށް ގެންދިޔަ މި ދެ ކޭމްޕުގެ ތެރެއިން ހަނިމާދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ސެޓްފިކެޓް ބައްސަވާ ދެއްވީ އަޕަރ ނޯތު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ސާމީ އެވެ. އަދި ގދ. ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ އަޕަރ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފްއެވެ.

އެ ދެރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ ރޭޑީ ކޭމްޕުގެ ތެރެއިން ހދ. ހަނިމާދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ކޭމްޕުގައި އެސްކޫލުގައި ތަޢުލީމު ހާސިލްކުރަމުންދާ 80 ދަރިވަރަކު ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ44 ފިރިހެން ބައިވެރިންނާއި 36 އަންހެން ބައިވެރިންނެވެ. ގދ. ފަރެސްމާތޮޑާގައި ބޭއްވި ކޭމްޕުގައި ހުވަދޫ ސްކޫލުގެ އިތުރުން ގދ. ފިޔޯރީ ސްކޫލުން ޖުމްލަ 75 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 38 އަންހެން ބައިވެރިންނާއި 37 ފިރިހެން ބައިވެރިންނެވެ.

ތިންދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ދެކޭމްޕުގައިވެސް ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ހދ. ހަނިމާދޫ އާއި ގދ. ފަރެސްމާތޮޑާގައި ރެޑީ ކޭމްޕު ކުރިއަށް ގެންދިޔުމަށް އެރަށްރަށުގެ ކައުންސިލްތަކުންނާއި ސްކޫލުތަކުންނާއި އެސްކޫލުތަކުގެ ބެލެނިވެރިންނާއި އެރަށްރަށުގައި ހުރި މުއައްސަސާތަކުން ފުލުހުންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވެއެވެ.

ސެޓްފިކެޓް ދިނުމަށް ހދ. ހަނިމާދޫ ސްކޫލާއި ގދ. ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުތަކުގައި އެރަރަށުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ހދ. އަތޮޅާއި ގދ. އަތޮޅުގެ ކޮމާންޑަރާއި އެ ދެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ރެޑީ ކޭމްޕުގެ ބައިވެރިންނާއި މުދައްރިބުން ބައިވެރިވެފައިވެއެވެ.

.މިއީ ރެޑީ ކޭމްޕް ސިލްސިލާގެ ތެރެއިން މިއަހަރު ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ކޭމްޕުތަކުގެ ތެރެއިން ހިންގި ދެވަނަ ކޭމްޕެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް