ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ކަމަށް ބުނާ ހަތިޔާރަކީ ނާޒިމްއާ އެއްވެސް ގުޅުމެއްހުރި އެއްޗެހިތަކެއް ނޫންކަމަށް ނާޒިމްއާ ހަވާލާދީ ނާޒިމްގެ ގާނޫނީ ޓީމުން ބުނެފި އެވެ.
ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝުކޫރު ހިމެނިވަޑައިގަންނަވާ އެވަންޓް ގާޑް ލޯޔާސް އިންގާނޫނީ ޓީމުން މިހެން ބުނެފައިވަނީ އެ ޓީމުން މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ގަލޮޅު އެނިފުގެ އެޕާޓްމަންޓުން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރަކީ އޭނާ އާއި އޭނާގެ އާއިލާގެ އެއްވެސް ބޭފުޅަކާ ގުޅުން ހުރި ތަކެތި ނޫން ކަމަށެވެ.
އަދި އޭނާ މިހާރު ދިރިއުޅުއްވާ އޭނާގެ އަނބިކަނބަލުންގެ ގޭގެ އެޕާޓްމަންޓްގެ ތެރެއިން ފެނުނު ހަތިޔާރު ފަދަ ތަކެތި ކަމަށް ބުނާ ތަކެއްޗަކީ، އޭނާ އަދި އޭނާގެ އާއިލާގެ އެއްވެސް ބޭފުޅަކާ ގުޅުން ހުރި ތަކެތި ނޫން ކަމަށާއި އަދި ފުލުހުން ހޯދިކަމަށް ބުނާ ތަކެއްޗަކީ ކާކު އެތަނުގައި ބަހައްޓާފައި ހުރި ނުވަތަ ކާކުގެ އެއްޗެއްކަން ނޭނގޭ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގާނޫނީ ޓީމުން ނާޒިމްގެ ދިފާއުގައި ކުރާ މަސައްކަތުގައި މާތް ﷲގެ ވާގިފުޅާ އެކު، ކާމިޔާބީ ލިބޭނެ ކަމުގައި ފުރިހަމަ އުންމީދު އެބައޮތް ކަމަށާއި ނާޒިމް ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނޭ ކަމަށާއި އެފަދަ އެއްވެސް ކަމެއް ކުރިއަށް އޮތްތަނުގައި ވެސް ނުކުރާނެ ކަމުގެ ޔަގީންކަން އޭނާގެ ފަރާތުން އަރުވާ ކަމަށެވެ.
އެ މައްސަލައިގާ ފުލުހުން ބުނެފައިވަނީ އެ ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ކަމަށެވެ. ނާޒިމް ބުނެފައިވަނީ ތަހުގީގުގައި ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދޭނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް