ށ. މިލަންދޫގައި 77 އަހަރުގެ މީހެއްގެ އަތުން ފައިސާތަކަކާއި ފޯނެއް ފޭރިގަތް މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި އުމުރުން ދުވަސްވީ މީހެއްގެ އަތުން -/4600 ރުފިޔާއަށްވުރެ ގިނަ ފައިސާއާއި ފޯނެއް ފޭރިގެންފައިވާކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެދުވަހުގެ 14:00 ހާއިރު މަގުމަތިން ކަމަށް ފުލުހުން ބުނެއެވެ.
އުމުރުން ދުވަސްވީ މީހާގެ އަތުން ފޭރިގެންފައިވާ ފައިސާއާއި ފޯނު ފެނިފައިވަނީ މިލަންދޫ ބަނދަރު ސަރަޙައްދުގައި ވަޅުލާފައިވަނިކޮށް ކަމަށާއި މިތަކެތި މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 5 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް