ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުން އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
ފަޒުލްގެ އިސްތިއުފާ ސިޓީ އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވާފައެވެ.
ފަޒުލްގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވަނީ އެކި ގޮތްގޮތުން ކޮށްފައިވާ އަދި މިހާރު އެކިއެކި ޕްލެޓްފޯމްތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރުކުރާކަމަށެވެ.
"ކުންފުނީގެ ފަރާތުން މިހާތަނަށް ކޮށްފައިވާ އެންމެހާ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން، ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކޮށްފައިވާ މުއާމަލާތްތަކެއް" ފަޒުލް ވިދާޅުވެފައިވެއެވެ.
ބިންވެރިޔާ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫންކަމުގައިވެސް ފަޒުލް ވިދާޅުވެފައިވެއެވެ. އަދި އެ ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވުން އެދޭ ކަމަށާއި އަދި އެކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނަން ނޭދޭ ކަމުގައިވެސް ފަޒުލް ވިދާޅުވެފައިވެއެވެ.
އިސްތިއުފާ ދޭ ސަބަބަކީ ބިންވެރިޔާ ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށްގެންދިއުމަށް ފުރުސަތު ދިނުން ކަމުގައި ފަޒުލް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް