ބަންގާޅު ކަނޑުގައި އުފެދިފައިހުރި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ޑިޕްރެޝަނަކަށް ބަދަލުވެއްޖެއެވެ.
އިންޑިއަން މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އީއެމްޑީ) އިން މިއަދު ހެނދުނު ނެރުނު މޫސުމީ ބުލެޓިންއެއްގައި ބުނެފައިވަނީ އިންޑިއާގެ އަންދްރަޕްރަދޭޝްގެ އައްސޭރިފަށުގައި އުފެދިފައިހުރި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ޑިޕްރެޝަނަކަށް ބަދަލުވެފައިވާކަމަށެވެ.
ޑިޕްރެޝަނެއްގެ ގޮތުގައި ކުރިއަށް އޮތް 12 ގަޑިއިރު (ހެނދުނު 08އިން ފެށިގެން) ދެމި އޮތުމަށްފަހު މަޑުމަޑުން ކޮޅިގަނޑުގެ ބާރު ދަށްވާނެ ކަމުގައި ބެލެވޭކަމަށް ބުނެފައިވެއެވެ.
ތޫފާނަކަށް ބަދަލުވެދާނެކަމަށް އަދި އަންދާޒާކޮށްފައެއް ނުވެއެވެ.
ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވުމުގައި ގިނަ މަރުހަލާތަކެއް އެކުލެވެއެވެ. އެއީ ލޯ ޕްރެޝަރަކުން ވެލްމާކްޑް ލޯ ޕްރެޝަރަކަށް އަދި ވެލް މާކްޑް ލޯ ޕްރެޝަރަކުން ޑިޕްރެޝަނަކަށް އަދި ޑިޕްރެޝަނަކުން ޑީޕް ޑިޕްރެޝަނަކަށް އަދި ޑީޕް ޑިޕްރެޝަނަކުން އެއަށްފަހު ތޫފާނަކަށް ބަދަލުވުމެވެ.
މި ސަރަހައްދުގައި އެންމެ ފަހުން އުފެދުނު ތޫފާނަށް ދިން ނަމަކީ ތޫފާން ފެންގަލް އެވެ. ދެން މި ސަރަހައްދުގައި އުފެދޭ ތޫފާނަކަށް ކިޔާނީ ތޫފާން ޝަކްތީ އެވެ. އެ ނަމަކީ ސްރީ ލަންކާއިން ދީފައިވާ ނަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް