ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިސްލާމިކް މިނިސްޓްރީއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް މިއަދު ޒިޔާރަތްކުރައްވައި އެވުޒާރާގެ ވެރިންނާއި މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައިފިއ...

21 Dec 2023 | 09:18

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް މިއަދު ޒިޔާރަތްކުރައްވައި އެވުޒާރާގެ ވެރިންނާއި މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ޒިޔާރަތްކުރެއްވުމުން އެވުޒާރާއިން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މިއަދު ހެނދުނު ކުރެއްވި މި ޒިޔާރަތުގައި މުވައްޒަފުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ކަންކަން ފަހިކޮށްދެއްވަން ތިއްބެވި ފަރާތްތަކުންވެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ލިބިދެވޭކަން ކަށަވަރުކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަފްތާ 14ގެ ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައިވެސް އެވުޒާރާގެ ދާއިރާއިން މުހިންމު ބަދަލުތަކެއް ގެނެސްދެއްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެކަމަށް ތައުރީފުކުރައްވައި އެގޮތުގައި މަސައްކަތްކުރިޔަށް ގެންދެވުމަށް ހިތްވަރުދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވޭތުވެދިޔަ ހަތަރު ހަފްތާގައި އެ ވުޒާރާގެ މަސައްކަތްތައް ކުރިއަށްދިޔަ ގޮތުގެ ކުރު ތަފްސީލެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކިން ބައްދަލުކުރައްވައި މަސްވަރާކުރެއްވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޒަކާތާ ގުޅޭ ޒަމާނީ ފިޤުހީ އުސޫލުތަކާއި ޤާނޫނުގެ ތަޞައްވުރު ފޮތެއް ވެސް ވަނީ ހަދިޔާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް