މަރުގެ ހުކުމް ތަންފީޒުކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމަށް ނުދެނެހުރިން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މި ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒުކުރާނެ ސަރުކާރެއް ކަމަށް އިއްޔެ އިއުލާންކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި ކުރެއްވި އިތުރު ޕޯސްޓެއްގައި މައުމޫން ލިޔުއްވާފައިވަނީ މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީއަތުގައި ވަކި ހަމަތަކަކާ އުސޫލުތަކެއްގެ މަތިން ކުރަން އޮންނަ ކަމެއް ކަމަށެވެ. އަދި އެ މައްސަލައާ ބެހޭ ލިޔުމެއް މިއަދު ޝާޢިއުކުރައްވާނެ ކަމަށް ލިޔުއްވާފައިވެއެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓްރީގެ ދަށުގައި ހިމެނޭ އިދާރާތައް ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ އަދުގެ ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމަވާފައި އޮތް ސަރުކާރެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންތަކާއި ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒު ކުރީ 1953 ވަނަ އަހަރުއެވެ. މިވަގުތު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ހަތަރު މީހަކު ތިބި އިރު، އޭގެ ތެރޭގައި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި، 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް