ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އިތުރަށް ތަރައްޤީ ކުރުމަށް އިސްލާމިކް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، މިނިސްޓްރީގެ ޚިދްމަތްތައް ޑިޖިޓަލައިޒްކޮށް ތަރައްޤީ ކުރުމުން، މިނިސްޓްރީގެ މަސައްކަތްތައް އަވަސްވެ ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ހަމަ އެހެންމެ މި ހަފްލާގައި ވާހަކަ ދައްކަވަމުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ އެމްޑީ ސައީދާ އުމަރު ވިދާޅުވީ، މިނިސްޓްރީއާއި އެކު މި ސޮއި ކުރެވުނު އެމްއޯޔޫގެ މަޤްސަދަކީ ރައްޔިތުންނަށް ލިބޭ ޚިދްމަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.
ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން ފޯރުކޮށްދޭ ޚިދްމަތްތައް ޒަމާނީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވަރެކެވެ.
އެގޮތުން ރައީސް މުޢިއްޒުގެ ޒައާމަތުގައި އިސްލާމިކް މިނިސްޓްރީން ޚިދްމަތްތައް ތަރައްޤީ ކުރުމަށް ސޮއި ކުރެވުނު މިއީ މިފަދަ ފުރަތަމަ އެމްއޯޔޫއެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް